މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ވިޔަފާރިތަކުގެ ސައްހަކަން ބެލޭނެ ފަސޭހަ ގޮތެއް ހަދައިފި

އިކޮނޮމިކް މިނިސްޓްރީގެ ދަފްތަރުގައި ހުރި ވިޔަފާރިތަކަށް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލް މެދުވެރިކޮށް އެ ވިޔަފާރިތަކުގެ "ޕްރޮފައިލް" ބެލޭނެ ގޮތް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ވިޔަފާރި ޕޯޓަލްއަށް ލޮގިން ވުމަށްފަހު ޕްރޮފައިލް ޓެބްގައިވާ ޕްރޮފައިލް ޝީޓް ބޭނުންކޮށްގެން ކޮމްޕެނީ ޕްރޮފައިލް ޝީޓެއް ހެދޭނެ އެވެ.

ވިޔަފާރީގެ ސައްހަކަން ކަށަވަރު ކުރުމަށް މި ޕްރޮފައިލްގައި ހުންނަ މައުލޫމާތުތައް ބޭނުން ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އާދައިގެ ކޮމްޕެނީ ޕްރޮފައިލްގައި ހުންނަ މައުލޫމާތުތަކުގެ ތެރޭގައި ވިޔަފާރީގެ އާންމު މައުލޫމާތުތަކާއި ކުންފުނީގެ ޑިރެކްޓަރުންގެ މައުލޫމާތާއި ވިޔަފާރީގެ ހަރަކާތްތަކާއި އަދިވެސް އިތުރު މައުލޫމާތުތައް ހިމެނެ އެވެ.

މީގެ އިތުރުން ކުންފުނިން ބޭނުންނަމަ ކުރީގެ މައުލޫމާތުތައް ހިމެނޭ ގޮތަށްވެސް ވިޔަފާރީގެ ޕްރޮފައިލް ލިބޭނެ އެވެ. މީގެތެރޭގައި ކުރީގެ ހިއްސާދާރުންގެ މައުލޫމާތާއި ކުރީގެ ޑިރެކްޓަރުންގެ މައުލޫމާތާއި އަދިވެސް އިތުރު މައުލޫމާތުތައް ހިމެނޭ ގޮތަށް ޕްރޮފައިލް ލިބޭނެ އެވެ.

ކޮމްޕެނީ ޕްރޮފައިލް ޝީޓަކީ ބޭންކް ހިދުމަތްތައް ހޯދުމަށް ފިޔަފާރިތަކުން ހުށަހަޅަން ޖެހޭ ލިޔުމެކެވެ. ކުރިން މި ލިޔުން ލިބެނީ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅައިގެން މިނިސްޓްރީން ލިޔުން ދިނުމުންނެވެ. ނަމަވެސް މިހާރު ޕޯޓަލް މެދުވެރިކޮށް މި ލިޔުން ކޮންމެ ވިޔަފާރިއަކަށް ވެސް އަމިއްލައަށް ހޯދޭނެ އެވެ.

ޕޯޓަލްގައި ކޮމްޕެނީ ޕްރޮފައިލް ހެދުމުން 16 އަދަދުގެ ކޯޑެއްވެސް ލިބިގެން ދާނެ އެވެ. ކޮމްޕެނީ ޕްރޮފައިލް ބޭނުންވާ ފަރާތްތަކަށް މި ކޯޑް ބޭނުން ކޮށްގެން ޕޯޓަލްއިން ކުންފުނީގެ ސައްހަކަން ކަށަވަރު ކުރެވޭނެ އެވެ.

ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދާ މީހުންނަށްވެސް ވިޔަފާރިތަކުގެ ޕްރޮފައިލް ހޯދަން އެދުމުގެ ފުރުސަތު ޕޯޓަލް އިން ލިބެ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ޕްރޮފައިލް ހޯދަން ނޭދުމަށެވެ. އަދި ދަފްތަރުގައި ހުންނަ ވިޔަފާރިތައް ޕޯޓަލްއިން ވަކިން ފެންނަން ހުންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.