ބޮލީވުޑް

ޝާހްރުކްގެ ޑައިރެކްޓަރަކަށް އާމިރު ޚާން

އާމިރު ޚާންގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ 2018 ގައި ނުކުތް "ތަގްސް އޮފް ހިންދުސްތާން" އެވެ. މިއީ މި ފަހަކުން އާމިރު ކުޅުނު ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ނާކާމިޔާބާ ކުރިމަތިވީ ފިލްމެވެ.

އާމިރުގެ ފިލްމަކަށް އެހާ ބޮޑު ނާކާމިޔާބެއް ކުރިމަތިވުމުން މާޔޫސްވެފައި ތިބި މީހުން ހިތްހަމަޖައްސައި ދިނުމަށް މިހާރު އޭނާ ތައްޔާރު ކުރަމުންދާ ފިލްމު "ލާލް ސިންގް ޗައްޑާ" ވީހާ ވެސް ފުރިހަމައަށް ކުރެވޭތޯ އާމިރު ދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ފިލްމުގެ ޚާއްސަ މެހެމާނެއްގެ ރޯލު ޝާހްރުކް ޚާން ލައްވާ ވަނީ ކުޅުވާފަ އެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި މި ފިލްމުގައި ޝާޙްރުކް ކުޅެފައިވާ ބައި ޑައިރެކްޓް ކުރީ ޚުދް އާމިރު ޚާނެވެ.

އާމިރާއި ޝާހްރުކް މީގެ ކުރިން ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. އެހެން ކަމުން މިފިލްމު ވެގެން ދާނީ ދެ އެކްޓަރުންނަށް ވެސް އަދި އެމީހުންގެ ފޭނުންނަށް ވެސް ޚާއްސަ ފިލްމަކަށެވެ.

އިންޑިއަން ޕްރެމިއާ ލީގުގެ މެޗުތަކަށް ޝާހްރުކް ޑުބާއީއަށް ފުރީ "ލާލް ސިންގް ޗައްޑާ"ގައި އޭނާ ކުޅެން ޖެހޭ ބައިގެ ޝޫޓިން ދިއްލީގައި ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އަންނަ ޑިސެމްބަރު ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ. ކަރީނާ ކުޅެން ޖެހޭ ބައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ ފުރިހަމަ ކޮށްފަ އެވެ.

ޝާހްރުކް އަލަށް ކުޅެން ފަށާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ޝޫޓިން ފަށަން ހަމަޖެހިފައިވަނީ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕަޓާން" އެވެ. ޖޯން އެބްރަހަމް އާއި ދީޕިކާ ޕަދުކޯން ވެސް މުހިއްމު ރޯލުތަކެއް ކުޅޭ "ޕަޓާން" ގައި ސަލްމާން ޚާން މެހެމާނެއްގެ ރޯލު ކުޅެން ހަމަޖެހިފައިވާ ކަމަށް ވެއެވެ.