ބޮލީވުޑް

ވަރުން އާއި ކިއާރާގެ "ޖުގް ޖުގް ޖިއޯ"ގައި މަނީޝް ޕޯލް

ޝޯތައް ހޯސްޓް ކުރުމަށް މަނީޝް ޕޯލް ވަރުގެ އެކްޓަރެއް ނެތް ކަމަށް އޭނާ ހޯސްޓް ކޮށްދިން "އިންޑިއަން އައިޑަލް" އާއި އެނޫންވެސް ރިއަލިޓީ ޝޯތަކުން ވަނީ ސާބިތު ކޮށްދީފަ އެވެ.

މަނީޝް އަކީ ޝޯ ހޯސްޓް ކުރުމުގެ އިތުރުން ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ އެކްޓަރެއް ވެސް މެއެވެ. އެގޮތުން މިހާރު އޭނާއަށް ވަނީ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އާ ފިލްމަކުން މުހިއްމު ރޯލެއް ލިބިފަ އެވެ. އެއީ ރާޖް މެހެތާ ޑައިރެކްޓް ކުރާ "ޖުގް ޖުގް ޖިޔޯ" ގެ ރޯލެކެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅެނީ ވަރުން ދަވަން އާއި ކިއާރާ އަދުވާނީ އެވެ. އަދި އަނިލް ކަޕޫރާއި ނީތޫ ސިންގް ވެސް ފިލްމުގައި ދުވަސްވީ މަޖާ ދެމަފރިއެއްގެ ރޯލު ކުޅެން ވަނީ ހަމަޖެހިފަ އެވެ.

ފެމެލީ ޑްރާމާއެއްގެ ގޮތުގައި އުފައްދާ މި ފިލްމުގައި ނީތޫ އާއި އަނިލް ކަޕޫރު ކުޅެނީ ވަރުންގެ ކެރެކްޓާގެ މައިންބަފައިންގެ ރޯލެވެ.

މި ފިލްމާ ގުޅޭ މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި މަނީޝް މި ފިލްމަށް ސޮއިކުރީ ދާދި ފަހުންނެވެ. އޭނާގެ ރޯލަކީ ފިލްމުގެ ވާހަކައަށް ވަރަށް މުހިއްމު އަދި އެހާމެ ވަރުގަދަ ރޯލެއް ކަމަށާއި މަނީޝް ފިލްމަށް ސޮއިކުރީ އޭނާގެ ކެރެކްޓާއާ ގުޅޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ސާފުކުރުމަށް ފަހުގައި ކަމަށެވެ.

ނޯތު އިންޑިޔާގައި ހިނގި ހާދިސާތަކަށް ފިލްމު ބިނާ ކޮށްފައިވާތީ ފިލްމުގެ ޝޫޓިން ބާއްވަން ހަމަޖެހިފައިވަނީ ޗަންދީގަޅްގަ އެވެ. އަދި މިމަހުގެ ފަހުކޮޅު ތަރިންނާއި ކުރޫން ޝޫޓިންގަށް ޗަންދީގަޅަށް ފުރަން ހަމަޖެހިފައިވާ ކަމަށް ވެއެވެ.