ލައިފްސްޓައިލް

ގާތިލު ފަޅާއެރީ "ޕޮލިސް"ގެ ސްޕެލިން ނުބައި ވެގެން

މިދިޔަ މަހު އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަގަށް ނެގި އެވެ. މި ކުއްޖާ ކިޑްނެޕްކުރީ ރާމް ޕްރަތާޕް ސިންގް ކިޔާ މީހެކެވެ. އެމީހާ ވަނީ އެ ކުއްޖާ ވަގަށް ނަގައިގެން ގެންގުޅުމަށް ފަހު މަރާލާފަ އެވެ. އަދި އޭނާއަށް "ޕޮލިސް"ގެ ސްޕެލިން ރަނގަޅަށް ލިޔަން ނޭނގުމަކީ ފުލުހުންނަށް އޭނާއަކީ ގާތިލްކަން ހޯދިދާނެ ސަބަބަކަށް ވެދާނެ ކަމަކަށް އެމީހާ ކުޑަކޮށް ވެސް ހިޔެއް ނުކުރެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ޔޫޕީގެ ފުލުހުން ވަނީ ސިންގް ހައްޔަރުކޮށްފަ އެވެ. ކުޑަ ފިރިހެންކުއްޖާ އޭނާގެ މާމަގޭގެ ބޭރުގައި ކުޅެން ހުއްޓާ ވަގަށް ނަގައިގެން ގެންގޮސް މަރާލިކަމުގެ ކުށުގަ އެވެ.

ކުއްޖާ ވަގަށް ނެގުމަށް ފަހު އެ ކުއްޖާގެ ބައްޕައަށް ސިންގް މެސެޖެއް ފޮނުވި އެވެ. އެ މެސެޖު ފޮނުވީ ވަގަށް ނަގާފައިވާ ފޯނަކުންނެވެ. އެ މެސެޖުގައި ވަނީ ދެ ލައްކަ ރުޕީސް ނުދީފިނަމަ ކުއްޖާ މަރާލާނެ ކަމަށެވެ.
މި މެސެޖު އޭނާ ލިޔެފައިވަނީ ހިންދީ ބަހުންނެވެ.

"ދޯ ލާކް ރުޕޭ ސީތާ-ޕޫރު ލޭކަރް ޕަހުޗިޔޭ. ޕުލިޝް ކޯ ނެހީ ބަތާނާ ނެހީ ތޯ ހަތިޔާ ކަރް ދޭނގޭ" (ދެ ލައްކަ ރުޕީސް ހިފައިގެން ސީދާ ޕޫރަށް އާދޭ. ޕުލިޝް އަށް ނާންގާތި. އަންގައިފިއްޔާ ކުއްޖާގެ ދުވަސް ދުއްވާލާނަން) ސިންގް ފޮނުވި މެސެޖުގައި ލިޔެފައި ވެއެވެ.

ފިރިހެންކުއްޖާގެ އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ. އަދި ވަގުތުން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ވަރަށް ބާރު ސްޕީޑުގައި ކުރަން ފެށި އެވެ.

ފުލުހުންގެ ސީނިއާ އޮފިޝަލަކު އިންޑީޔާގެ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ޓީމުތަކެއް އުފައްދައި ކުއްޖާ ހޯދުމަށް އެކި ހިސާބުތަކަށް އެ ޓީމުގައި ފޮނުވާލި އެވެ. އެމީހާ މެސެޖުކުރި ފޯނު ނަންބަރަށް ގުޅިއިރު އެ ފޯނު އޮތީ ނިއްވާލާފައި ކަމަށާއި ސައިބާ-ސަވައިލެންސްގެ އެހީތެރިކަން ހޯދައި އެ ފޯނުގައިވާ ސިމްގެ ވެރިފަރާތް ހޯދައި ސުވާލުކުރުމުން އެމީހާގެ އަތުން ފޯނު ވަގަށް ނަގާފައިވާކަން އެނގުނު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ދެން ބެލީ ސީސީޓީވީ ފުޓޭޖް އާއި ކުއްޖާ ވަގަށް ނެގި ހިސާބުގަނޑުގައި އުޅޭ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ކަމަށާއި އެ ހޯދި ހޯދުމުން ޝައްކު ކުރެވޭ 10 މީހަކު ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެނައިކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

މި 10 މީހުންގެ ތެރެއިން ކުށްވެރިޔާ ހޯދުމަށް ފުލުހުން ވަރަށް މޮޅު އުކުޅެއް ރޭވި އެވެ. އެ 10 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކަރުދާސްގަނޑަކާއި ގަލަމެއް ދީފައި "މައި ޕޮލިސް މޭ ބަރްތީ ހޯނާ ޗާހްތާ ހޫން" (އަހަރެން ޕޮލިހަށް ވަންނަން ބޭނުން) މިހެން ހިންދީ ބަހުން ލިޔަން ބުންޏެވެ.

ރާމް ޕްރަތާޕް ސިންގް ވަރަށް ރަނގަޅަށް ފުލުހުން ޖެހި މި މަޅީގައި ބެދުނެވެ. އޭނާއަށް ފުލުހުން މި ކުރަން އުޅެނީ ކީއްކަން ނޭނގި އަމިއްލައަށް މަޅީގައި ބެދުނީ އެވެ. އޭނާ ލިޔުނު ލިޔުންކޮޅުގައި "ޕޮލިސް"ގެ ބަދަލުގައި ލިޔެފައި ވަނީ ޕުލިޝް އެވެ. ކުއްޖާ ވަގަށް ނަގައި މަރާލީ އޭނާކަން ޔަގީން ކުރެވުނީ އެ ލިޔުންކޮޅުންނެވެ.

ފަހުން އޭނާ އާ ވަކިން ސުވާލުކުރުމުން ކުއްޖާ ވަގަށް ނަގައި މަރާލިކަމަށް އެއްބަސްވީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.