މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު މިވަގުތު އޮތް ގޮތުން މިޑްފީލްޑާ ޕައުލް ޕޮގްބާއަށް އުފަލެއް ނުލިބޭނެ ކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބުރޭކްގައި ފްރާންސްގެ ގައުމީ ޓީމުގައި ހިމެނޭނެ މިޑްފީލްޑަރާ ބެހޭ ގޮތުން ޑެޝޯމްޕް ބުނީ ޔުނައިޓެޑްގައި ޕޮގްބާއަށް ކުޅެން ލިބޭ މިނެޓްސް އާއި ކުޅެން ޖެހިފައިވާ ޕޮޒިޝަންގެ ގޮތުން ވެސް އޭނާއަށް އުފަލެއް ނެތް ކަމަށެވެ.
"އޭނާ ހުރީ އޭނާގެ އެންމެ ރަނގަޅު މަރުހަލާއެއްގައެއް ނޫން،" ޑެޝޯމްޕް ވާހަކަ ދެއްކި އެވެ. "އޭނާ އަށް ކައިރި ކަިއރިގައި އިންޖަރީވެ ކޮވިޑް-19 ޖެހުމުން އޭނާއަށް އުނދަގޫ ހާލަތެއް ކުރިމަތިވި. އޭނާގެ ރިދަމް އަލުން އަނބުރައި ގެންނަން އެބަޖެހޭ."
ޕޮގްބާ ވަނީ ޔުނައިޓެޑްގައި މި ސީޒަންގައި ޕްރިމިއާ ލީގްގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުގައި ކުޅެފަ އެވެ. ޗެމްޕިއަންސް ލީގްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުގައި އޭނާ ކުޅުނެވެ. ޕޮގްބާގެ ޔުނައިޓެޑްގެ ކެރިއާ ބެހޭގޮތުން އަބަދުވެސް ސުވާލު އުފެދެ އެވެ. މިދިޔަ އަހަރު އޭނާ ގެންދިއުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރި އެވެ. މިދިޔަ މަހު ޕޮގްބާ ބުނެފައި ވަނީ ރެއާލް މެޑްރިޑަށް ކުޅުމަކީ ހުވަފެނެއް ކަމަށެވެ.
ޑެޝޯމްޕް ބުނީ އޭނާއާއެކު ގައުމީ ޓީމުގައި، ޕޯގްބާ ހޭދަ ކުރާއިރު، ކުލަބުގައި ކުރިމަތި ވެފައިވާ މައްސަލަ ދިމާ ނުވާނެ ކަމަށެވެ. ކުލަބުގައި އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް ފްރާންސްގެ ޓީމަށް ކުޅުމުގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށް، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިން ކޯޗް ބުންޏެވެ.
"އޭނާގެ އިހްސާސްތައް އަހަންނަށް ކިޔައި ދޭނެ،" ޑެޝޯމްޕް ބުންޏެވެ. "އަދި އަހަންނަށް އޭނާ ވަރަށް ރަނގަޅަށް އެނގޭނެތީ އެކަން ދާނީ ވަރަށް ޕޮޒިޓިވް ކޮށް."
ފްރާންސުން މާދަމާ ރޭ އެކުވެރި ކަމުގެ މެޗެއްގައި ނުކުންނާނީ ފިންލެންޑާ ދެކޮޅަށެވެ. އަދި އަންނަ ހޮނިހިރު ދުވަހާއި އަންނަ އަންގާރަ ދުވަހު ޔޫއެފާ ނޭޝަން ލީގްގައި ޕޯޗްގަލް އާއި ސްވިޑެން އާ ދެކޮޅަށް ނުކުންނާނެ އެވެ.