ވޯލްޑް ކަޕް ޗެމްޕިއަންކަން ޖަރުމަނަށް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި މޮރިއޯ ގޮއެޓްޒާ އަލުން ޖަރުމަންގެ ގައުމީ ޓީމަށް ނަގާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައި ދިނުމުގައި އާޖެންޓީނާ ކޮޅަށް ޖަރުމަންގެ ލަނޑު ޖަހައިދިން މާރިއޯ ގޮއެޓްޒާއަށް ގައުމީ ޓީމުން އެންމެ ފަހުން ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގައި ޖަރުމަންގެ ސްކޮޑުން އޭނާ އަށް ފުރުސަތު ނުދިނުމުން ޖަރުމަންގެ ކޯޗް ޔޯކިމް ލޯ އަށް ފާޑު ކިޔުން އަމާޒުވި އެވެ.
ޑޯޓްމުންޑްގައި ހޭދަ ކުރުމަށް ފަހު މި ސީޒަންގައި ގޮއެޓްޒާ، 28 ބަދަލުވީ ޑަޗް ލީގްގެ ޕީއެސްވީ އެއިންދޯވެން އަށެވެ. އެ ޓީމުގައި އޭނާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން، ޖަރުމަންގެ ގައުމީ ޓީމުގެ ޑައިރެކްޓާ އޮލިވާ ބިއޯހޯފް ބުނީ، ޕީއެސްވީގައި ގޮއެޓްޒާ ދައްކަމުންދާ ކުޅުމުން އަންނަ އަހަރު ބާއްވާ ޔޫރޯ ގައި އޭނާއަށް ބައިވެރި ވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ ޑަޗް ލީގަށް އޭނާ އެހާ އަވަހަށް ހޭނި ދައްކަމުންދާ ކުޅުމާމެދު،" ޖަރުމަންގެ ކޯޗް ލޯ އާ އެކުވެރި ގުޅުމެއް ވެސް އޮންނ ބިއޯހޯފް ބުންޏެވެ. "އެއީ ހުރިހާ ވަގުތެއްގައި ފަސޭހަ ކަމެއް ނޫން އެގައުމުން އަނެއް ގައުމުގެ ލީގަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކުން. ނަމަވެސް އޭނާގެ އެބަހުރި ހައި ކޮލިޓީ."
ބިއޯހޯފް ބުނީ، ކުއްލިއަކަށް ކުޅުންތެރިޔަކު ގައުމީ ޓީމަށް ގެނައުމަކީ ކޯޗް އެހާ ގަޔާވާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ގޮޓްޒާ ކުޅުން އޭނާ ދަމަހައްޓަމުން ދާނަމަ ގައުމީ ޓީމުން އޭނާ އާ ހަމައަށް ވާސިލު ވާނެ ކަމަށެވެ.
އެކުވެރި ކަމުގެ މެޗެއްގައި ޖަރުމަން މާދަމާ ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އެއަށް ފަހު ޔޫއެފާ ނޭޝަން ލީގްގައި އަންނަ ހޮނިހިރު ދުވަހު ޔޫކްރޭން އާ ދެކޮޅަށް އަދި އަންނަ އަންގާރަ ދުވަހު ސްޕެއިން އާ ދެކޮޅަށް ނުކުންނާނެ އެވެ.