އިދިކޮޅު ފަރާތްތައް

ރެޒިޑެންޓް ވިސާ ދިނުމާ ދެކޮޅު، އެއީ ހީލަތްތެރި ރޭވުމެއް: އިދިކޮޅު

ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމަކީ ހީލަތްތެރި ރޭވުމެއް ކަމަށާ އެ ނިންމުމާ ދެކޮޅު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބޭންކެއްގައި 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް، އެ މުއްދަތަށް ވިސާ ދޫކުރުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އިންވެސްޓްމެންޓްގެ މުއްދަތުގައި ވިސާ ދޫކުރުމަށް ނިންމި ނިންމުން ބަލައިނުގަންނަ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ގައުުމުގެ ހަމަޖެހުމާއި އިސްތިގުލާލަށް ބުރޫއަރާނެ ކަމަށްވެސް ބުންޏެވެ.

"ހަމަ އެއާއެކު ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ގެއްލުންތައް ކުރިމަތިވެ، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށްވެސް އޭގެ ސަބަބުން އެތަށް ނުރައްކާތަކެއް ކުރިމަތިވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ. މިފަދަ ގޮތަކަށް ރާއްޖޭގައި ވަޒަންވެރިވެ ހުރުމުގެ މަދަނީ ހުއްދަ ދޫކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް މި ގެނެވުނު އިސްލާހުގެ ސަބަބުން މި ކޯލިޝަނާއި ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކައިރި ގައުމުތަކުން އަގުހެޔޮ ލޭބަރުން އިތުރުވެ، އެ މީހުން ގެސްޓް ހައުސްއާ އެހެނިހެން ވިޔަފާރީގެ ކޮންޓްރޯލް ނެގުމާއި ރާއްޖޭގެ އާބާދީގެ ތެރޭގައި ދިވެހިންގެ ގޮތުގައި މަޑުމަޑުން ބަލައިގަންނަން ފެށުން،"

އިދިކޮޅުން މިހެން ބުނެފައިވާއިރު ކޯޕަރޭޓް ރެސިޑެންޓް ވިސާއާބެހޭ ގޮތުން ދޮގު ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.

އިމިގްރޭޝަން ގާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން އޭޕްރީލް 27، 2015 ގައެވެ. އެ ގަވާއިދާއި އެކު، ކޯޕަރޭޓް ރެސިޑެންޓް ވިސާއާ ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސާވިސް ފަދަ ހިދުމަތްތައް ޕްރޮމޯޓު ކުރަމުން އެދުވަސްވަރު އައިސްފައިވާ ކަމަށާ އެ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވިސާއާ ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.