އަންނަ ހޫނު މޫސުމުގައި ޔުވެންޓަސްއިން، އެ ޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ތައްޔާރަށް ތިބި ނަމަ ރޮނާލްޑޯ ގަތުމުގެ ގާބިލުކަން ޕީއެސްޖީ ހުރި ކަމަށް ޕީއެސްޖީގެ ޗެއާމަން ލިއޮނާޑޯ ބުނެފި އެވެ.
ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަން ތައްޔާރަށް އޮތް ކަމުގެ އަޑުތައް މީޑީއާގައި ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް އެކަމާ ބެހޭގޮތުން ޔުވެންޓަސްގެ އެއްވެސް ބަހެއް ނެތެވެ. އަދި ދައުރު ވަމުންދާ ވާހަކަ ތަކުގެ ހަގީގަތެއް އޮތްކަން ބުނެވޭނެ ގޮތެއްވެސް ނެތެވެ.
"ފަހަރެއްގައި މާދަމާވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފާނެ ބޭނުމޭ އެހެން ކުލަބަކަށް ކުޅެން އެއީ ހުޅުވޭ ސާކަލް އެއް،" ޕީއެސްޖީ ޓީވީއަށް ދިން އިންޓަވިއުގައި ލިއޮނާޑޯ ބުންޏެވެ. "ކޮން ބަޔަކަށް އޭނާ ގަނެވޭނީ. ޕީއެސްޖީން އެ ސާކަލްގެ ތެރެއަށް އާންމުކޮށް ވަންނާނެ. އެއީ ލިބޭ ފުރުސަތެއް."
ލިއޮނާޑޯ ބުނީ، މިދިޔަ ސީޒަންގައި ޕީއެސްޖީ މާލީ ގޮތުން 15 އާއި 20 ޕަސަންޓްގެ ގެއްލުން ކުރިމަތިވި ކަމަށެވެ. އަދި މި ސީޒަންގައި އެއަށްވުރެ ބޮޑަށް ގެއްލުން ކުރިމަތިވާނެ ކަމަށް ކުރިން ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑާ ބުންޏެވެ.
"އެހެންނަމަވެސް ޕީއެސްޖީގައި އެބަހުރި މިހާލަތުން އަރައި ގަތުމުގެ ގާބިލުކަން،" ލިއޮނާޑޯ ބުންޏެވެ. "އެހެން ކުލަބުތަކަށް މިހާލަތުން އަރައި ގަތުމަށް މާ ބޮޑެތި އުނދަގޫތައް ހުންނާނެ. މިތާންގައި އަބަދުވެސް ކަންކަމަށް އޮންނަ އުންމީދު ބޮޑު."
ޕީއެސްޖީގެ ފޯވަޑް ނެމާ ޖުނީއާ، ކުރިއަށް އޮތް ތަނުގައިވެސް އެ ޓީމުގައި ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެ ޓީމުގެ އަނެއް ފޯވަޑް ކިލޔަން އެމްބާޕޭ ގެންދިއުމަށް ރެއާލް މެޑްރިޑާއި ލިވަޕޫލުން ދަނީ މަސައްކަތް ކުރަމުންނެވެ.