އެތުލެޓިކް ކުލަބު ބިލްބާއޯގައި ހޫނު ފެނަށް ވެއްްޓިފައިވާ ކޯޗް ގައިޒްކާ ގަރިޓާނޯގެ މަގަމަށް ގެންނަން އެކުލަވާލި ނޮމިނޭޝަން ލިސްޓްގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ހިމަނައިފި އެވެ.
ކުރިން ސްޕެއިންގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވުނު ބިލްބާއޯ އޮތީ ލީގްގެ 14 ވަނައިގަ އެވެ. އެ ޓީމު ބޮޑަށް ކައިރީ ރެލިގޭޝަން ޒޯނާ އެވެ. ޓީމުގެ ނަތީޖާތައް ރަނގަޅު ނުވުމުން އޭނާގެ މަގާމުން ވަކި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިންގެ މާކާއިން ބުންޏެވެ.
ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާތަކުން ޓީމަށް ކުރިއެރުން ނުގެނެވިއްޖެނަމަ އޭނާގެ ވަޒީފާ އާ މެދު އެ ކުލަބުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. އޭނާގެ މަގާމު ފޫބެއްދުމަށް ކޯޗުންގެ ނޮމިނޭޝަން ލިސްޓެއް ވަނީ އެކުލަވާލަފަ އެވެ. ސްޕެއިންގެ މިޑިއާތަކުން އެ ލިސްޓް އާންމު ކުރުމުން ބިލްބާއޯގެ ސަޕޯޓަރުންގެ މެދުގައި ވަނީ ތާފަތު ފޯރިއެއް އުފެދިފަ އެވެ.
ބިލްބާއޯގެ ނޮމިނޭޝަން ލިސްޓްގެ އެންމެ ކުރިގައި އޮތީ، ޕޮޗެޓިނޯގެ ނަމަވެ. ކުރިން އެސްޕެންޔޯލްގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި އާޖެންޓީނާގެ ކޯޗަކީ ސްޕެއިންގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް ދަންނަ ކޯޗެކެވެ. އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 11 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ.
އެއަގަކީ، ބިލްބާއޯއަށް ދެވޭނެ އަގެކެވެ. މައްސަލަ ދިމާވަނީ ބިލްބާއގެ ޕްރޮޖެކްޓާ ޕޮޗެޓިނޯ ހާވާލު ވެދާނެތޯ އުފެދޭ ސުވާލުންނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ އާ ޕޮޗެޓިނޯ ގުޅުވަ އެވެ. ރެއާލް މެޑްރިޑުން ދަށް ނަތީޖާތަކެއް ނެރޭ ކޮންމެ ފަހަރަކު އެ ކުލަބުގެ މަގާމުވެސް ޕޮޗެޓިނޯ އާ ގުޅުވަ އެވެ. ޕޮޗެޓިނޯގެ ވިސްނުން ހުންނާނެ ކަމަށް ބެލެވެނީ ޔުނައިޓެޑް ނުވަތަ މެޑްރިޑް ފަދަ ހެވީ ވެއީޓް ނަމެއް އޮތް ކުލަބަކާ މެދުގަ އެވެ.
ކުރިން ޕޮޗެޓިނޯ ވަނީ، ބިލްބާއޯ އާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނެފައި ވަނީ، ބިލްބާއޯ އަކީ ރަނގަޅު ޕްރޮޖެކްޓެއްގެ މައްޗަށް ބިނާ ވެފައިވާ މޮޑެލެއް އޮތް ކުލަބެއް ކަމަށެވެ. އެހެންނަމަވެސް ބޭރުން ފެންނަ ހާލަތާއި އެތެރެއިން އޮންނަ ހާލަތު ތަފާތު ވާނެ ކަމަށް އޭނާ ބުންޏެވެ.
ޕޮޗެޓިނޯގެ ކޯޗިން ކެރިއަރުގައި އޭނާ އެންމެ ސަޕޯޓް ކުރާ އެއް ކޯޗަކީ ލީޑްސް ޔުނައިޓެޑްގެ ކޯޗް މާސެލް ބިއެލްސާ އެވެ. ބިއެލްސާ ވަނީ ބިލްބާއޯގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.
ބިލްބާއޯއިން އެކުލަވާލި ލިސްޓްގައި ދެން ހިމެނެނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޓީމަށް ކޯޗް ކޮށްދިން އެރުނަސްޓޭ ވަލްވެރުޑޭ އެވެ. މިދިޔަ ޖަނަވަރީ މަހު ބާސެލޯނާގެ ކޯޗް ކަމުން ވަކި ކުރި ފަހުން އޭނާ ހުރީ އެއްވެސް ޓީމަކާ ހަވާލު ނުވެ އެވެ.
ދެން ހިމެނޭ ކޯޗަކީ މާސެލީނޯ ގާސިއާ އެވެ. ބާސެލޯނާ ބަލިކޮށް ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާއަށް ހޯދައިދިން ކޯޗް ވެލެންސިއާގެ ކޯޗް ކަމުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަކި ކުރި ފަހުން އޭނާވެސް ހުރީ އެއްވެސް މަގާމަކާ ހަވާލު ނުވެ އެވެ. ވިޔަރެއާލްގައި ކާމިޔާބު މަސައްކަތްތަކެއް ކުރި މާސެލީނޯ ބޭނުން ވަނީ ލޯންގްޓާމް ޕްރޮޖެކްޓެއްގެ މައްޗަށް ބިނާވާ ކުލަބެކެވެ.