ހަބަރު

ނުފޫޒެއްނެތި މައްސަލަތައް ބެލޭނެ ނިޒާމެއްގެ ޔަގީންކަން

Nov 11, 2020
2

ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައި ހުރި މައްސަލަތައް އެއްވެސް ނުފޫޒެއްނެތި ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ގާއިމުކުރާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައި ހުރި، ގިނަ މައްސަލަތަކެއްގެ ވާހަކަ މިހާރު ދެކެވެން ފަށާފައިވާ ކަމަށެވެ.

މިގޮތުން، ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި، އަންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ އާއްމުން ދައްކަން ފަށާފައިވާއިރު، ކޮރަޕްޝަންގެ އަމަލުތައްވެސް މިހާރު ހާމަވަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބަކީ މިފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ގާއިމުކޮށްދީފައިވުން ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ، އެއްވެސް ނުފޫޒެއްނެތި، މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭނެކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު، ކޮރަޕްޝަނާ ދެކޮޅަށް "ޒީރޯ ޓޮލަރަންސް" ސިޔާސަތެއް އިއުލާނުކޮށްފައިވާ ހިޔާނާތުގެ ގިނަ މައްސަލަތަކެއް، ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ވަނީ ހާމަވެގެން ގޮސްފައި އެވެ.

އަދި ކުޑަކުދިންނަށާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް މި ފަހުން ފެންމަތިވެފައިވާއިރު، އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެވެ.

ވަރަށް ގިނަ ދާއިރާތަކަށް އަލި އަޅުއްވާލެއްވި ހިތާބުގައި ރައީސް ވަނީ ކޮވިޑް-19 އިގެ ދަތި ހާލަތުގެ ތެރެއިން ވެސް އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، އިގުތިސޯދީ ދަތިކަމުން އަރައިގަތުމާ ދިމާލަށް ގައުމުގެ ގެންދަވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ވެރިކަމުގެ ތިންވަނަ އަހަރަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާއެކު،" ރައީސް ވިދާޅުވި އެވެ.