އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީގެ "ލަކްޝްމީ" މިދިޔަ އަންގާރަ ދުވަހު އޮންލައިން ޕްލެޓްފޯމް ޑީޒްނީ ހޮޓްސްޓާ ވީއައިޕީ އިން ރިލީޒްކުރުމާއެކު އެތައް ރެކޯޑެއް ފިލްމު މުގުރާލައިފި އެވެ. ފިލްމު ރިލިޒްކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ފިލްމު ވަނީ ޑިޒްނީ ހޮޓްސްޓާ އިން މިހާތަނަށް އެންމެ ކުޑަ ވަގުތުކޮޅެއް ތެރޭ އެންމެ ގިނަ ބަޔަކު ބެލި ފިލްމުގެ ރެކޯޑް ހޯދާފަ އެވެ.
އަކްޝޭ ވަރަށް އާދަޔާޚިލާފު ރޯލަކުން ފެންނަ މި ފިލްމުގެ ފުރަތަމަ ދުވަހުގެ ފުރަތަމަ ޝޯ ބަލަން އެތައް މިލިއަން ބަޔަކު ޑިޒްނީ ހޮޓްސްޓާ އަށް ލޮގް އިން ވެފައި ވެއެވެ. އެހެންކަމުން މި ފިލްމަކީ އެ ޕްލެޓްފޯމްގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ބަޔަކު ބެލި ފިލްމަށް ވަނީ ވެފަ އެވެ.
ފިލްމަށް ލިބުނު ބޮޑު ތަރުހީބުން އުފަލުން ފޮޅިފައި ހުރި އަކްޝޭ ބުނީ ފޭނުންނާއި އޯޑިއަންސް ދިން ތަރުހީބުން އޭނާ އުފަލުން ގޮސް ބަސް ހުއްޓިއްޖެ އެވެ.
"ރެކޯޑް މުގުރަން ބޭނުން ނުވާނީ ކާކު. އެއީ ބޮކްސް އޮފީސް ކަމަށް ވިޔަސް ސްޓްރީމިން ޕްލެޓްފޯމްތަކުގައި ފުރަތަމަ ރިލީޒްކުރާ ވަގުތުގެ ރެކޯޑް ކަމަށް ވިޔަސް ރެކޯޑެއް މުގުރާލެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަކްޝޭ ބުންޏެވެ.
ޑިޒްނީ-ހޮޓްސްޓާގެ ރައީސް އަދި ހެޑް ސުނިލް ރަޔަން ބުނި ގޮތުގައި ސީދާ ޑީޖިޓަލް ރިލީޒްއަކަށްދާ ފިލްމުތަކަށް މިހާ ބޮޑު ތަރުހީބެއް ބެލުންތެރިން ދިނުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
"ލަކްޝްމީ" އަކީ ޓްރާންސްޖެންޑާ ގޯސްޓެއް އަވަލަވައިގެން އުޅޭ ފިރިހެނަކަށް ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ރާގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އާއިލާގެ އެންމެން ތިބެގެން ބަލާލަން ކަމުދާ ގޮތަށް އުފައްދާފައިވާ ހޮރޯ-ކޮމެޑީ އެކެވެ.
ފިލްމު ބެލި މީހުން ގިނަ ވިޔަސް ކްރިޓިކްސް އާއި ފިލްމު ބެލި މީހުންގެ ރިވިއުތައް ފިލްމާ ދޭތެރޭ ހުރީ ވަރަށް މަސްހުނި ކޮށެވެ. އެއްބަޔަކަށް ފިލްމު ކަމުދިޔައިރު އަނެއް ބަޔަކު ފިލްމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ.