ހަބަރު

"މަރު ކޮމިޝަން ބޭނުންވި ސުޕީޑުގައި ކުރިއަށްނުދޭ"

މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާއިރު އެ ކޮމިޝަނުގެ މަސައްކަތް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުދާ ކަމަށް ރައީސުލްޖުމްހޫޜިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދޭ "ފަށާއިރު" ޕްރގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ކުރައްވަން ބޭނުންފުޅުވި އެންމެ މުހިންމު ކަންކަން އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ. އެގޮތުން އެމަނިކުފާނު އަމިއްލަޔަށް އުފެއްދެވި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝނާއި މަރުކޮމިޝަނުގެ މަސައްކަތް ބޭނުންވި ސްޕީޑުގައި ކުރިއަށް ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހާއްސަކޮށް މަރުކޮމިޝަނުން ތަހުގީގު ކުރަމުންދާ މމައްސަލަތަކުގައި ގިނަ އާއިލާތަކެއް އެބަތިބި. އެއާއިލާތަކަށް ވީހާވެސް އަވަހަކަށް އިންސާފު ލިބެންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އެހެންވެ ކޮމިޝަންތައް އުފެއްދީވެސް. ކޮމިޝަންތައް ބަދަލު ކުރައްވައިގެންވެސް ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް އެދެވޭ ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށް ނުދޭ." އެމަނިކުފާނު ވިދާޅުވި އެވެ.

މަރުކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލަތކުގެ ތެރެއިން ނުވަ މައްސަލައެއްގެ ފައިނަލް ރިޕޯޓު މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި އެ މަސައްކަތާއެކު ރައްޔިތުންނަށް އޮތް އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރިޔާސީ ކެންޕެއިންގެ ފޯރި އެންމެ ގަދަވިއިރު ރައީސް ސޯލިހް އެންމެ އަޑު ހަރުކޮށްވި އެއް ވައުދަކީ މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަށް ވީ ވައުދެވެ. އެއީ ބޮޑު އުނދަގޫ މަސައްކަތަށްވި ނަމަވެސް ރައީސް ސޯލިހް ގެންދެވީ ވަރަށް ޔަގީން ކަމާއެކު މައްސަލަތަކުގެ އެންމެ ފުނަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހު މަރުތަކުގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދާ ފަސް މެންބަރުން އައްޔަން ކުރެއްވި އެވެ. އަދި މަޖިލީސް މެދުވެރިކޮށް ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ހޯދައި ދިނެވެ. ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސި އެވެ.