އެފްރިކާގެ ގައުމެއް ކަމުގައިވާ އެންގޯލާ އާއެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.
ރާއްޖެއާ އެންގޯލާއާ ގުޅުން ގާއިމުކުރީ ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ރާއްޖެއާ އެންގޯލާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރި ކަމުގެ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ.
އެންގޯލާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މަރީއާ ޑެ ހެސޫސް ޑޮސް ރެއިސް ފެރޭރާ އެވެ.
ދެގައުމުގެ ދެމެދުގައި ގުޅުން ގާއިމުކުރުމުން ފާހަގަކުރެވެނީ ދެގައުމުގެ ރައްޔިތުންނާއި އެކި ދާއިރާތަކުން ގުޅުން އުފެދުމާއި ގުޅުން ބަދަހިކުރުމުގެ ތާރީހީ ފެށުމެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.
އެފްރިކާ ބައްރުގެ ދެކުނުން، ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ އަންގޯލާގައި ގާތްގަނޑަކަށް 32.5 މިލިއަން މީހުން ދިރިއުޅެ އެވެ.
އެފްރިކާގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމުކަމަށްވާ އަންގޯލާއަށް، 27 އަހަރަށް ދިގުދެމިގެންދިއަ ދާހިލީ ހަނގުރާމައިގެ ތެރެއިން އަދިވެސް މުޅިން އަރައި ނުގަނެވެ އެވެ.
އަންގޯލާ އަކީ ރާއްޖެއިން ހާރިޖީ ގުުޅުން ގާއިމުކުރި 173 ވަނަ ގައުމެވެ.