ދުނިޔެ

ބަހުރެއިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

Nov 11, 2020

ބަހުރެއިން (ނޮވެމްބަރު 11) - ބަހުރެއިންގެ ބޮޑުވަޒީރު ޝެއިހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ އުމުރުން 84 ގައި އަވަހާރަވެއްޖެކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އިން ދާދި ދެންމެ އަކު ބުނެފި އެވެ.

ބަހުރެއިން ނިއުސް އޭޖެންސީން ބުނީ އެމެރިކާގައި ހުންނަ މެޔޯ ކްލިނިކް ހޮސްޕިޓަލުގައި ޝެއިހް ހަލީފާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.

ނަމަވެސް، އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

އެމަނިކުފާނު އަވަހާރަވުމުގެ ހިތާމާގައި ހަފްތާއަކަށް ބަހުރެއިންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރަސްގެފާނު ޝެއިހު ހަމަދު ބިން އީސާ އަލް ހަލީފާ ނިންމަވާފައިވާކަމަށްވެސް ބުނެފައިވެ އެވެ.

ބޮޑުވަޒީރުގެ ހަށިކޮޅު އެމެރިކާއިން އަނބުރާ ގެނައުމާއެކު ރަސްމީ އިއްޒައްތުގައި، ހަމައެކަނި އާއިލާގެ ގާތް ބޭފުޅުންގެ ހާޒިރުގައި ޖަނާޒާގެ ކަންތައްތައް ކުރިއަށްގެންދެވޭނެކަމަށް ބުންޏެވެ.

ބަހުރެއިންގެ ބޮޑުވަޒީރު ޝެއިހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި އެއް ބޭފުޅެވެ. އެގޮތުން، ބަހުރެއިންގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 1970 ވަނަ އަހަރެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތައް ކުރިއަށް އޮތް ތިން ދުވަހަށް ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް 2011 ވަނަ އަހަރު އެރެބް ސްޕްރިންގް މުޒާހަރާތަކުގައި އެމަނިކުފާނު ވަކި ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލައިފަ އެވެ.