ފްރާންސް

ފިންލޭންޑް އަތުން ދުނިޔޭގެ ޗެމްޕިއަން ބަލިވެއްޖެ

އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއްގައި ފިންލޭންޑުން، ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައިފި އެވެ.

ފްރާންސްގެ ސެއިންޓް ޑެނިސްގައިގައި ކުޅުނު މެޗުގައި ފްރާންސްގެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ފުރަތަމަ ހާފުގައި ވިންގާ މާކޯސް ފޯސް އަދި ސްޓްރައިކާ އޮމީ ވަލަކަރީގެ ލަނޑުތަކުން ފިންލޭންޑަށް ލިބުނު މޮޅަކީ އެ ގައުމުގެ ފުޓްބޯޅައިގައި ފާހގަ ކުރެވޭނެ ނަތީޖާ އަކަށް ވެގެންދާނެ އެވެ.

ފްރާންސްގެ ކުރީގެ ޑިފެންޑަރު ލިލިއަން ތުރާމްގެ ދަރިފުޅު މާކޯސް ތުރާމް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި އޭނާ އަށް ލިބުނު ފުރތަމަ ފުރުސަތުގައި ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖެހުމާ ވަރަށް ގާތަށް ތުރާމްއަށް ދެވުނެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ރޭ ނެދާލޭންޑްސް އާއި ސްޕެއިން ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ނެދާލޭންޑްސްގެ އެމްސްޓަޑަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ސްޕެއިން އިން ސާޖިއޯ ކެނާލޭސް މަޑްރާޒޯ އެވެ. ރެއާލް ބެޓިސްގެ މިޑްފީލްޑާ ލަނޑު ޖެހީ އަލްވާރޯ މޮރާޓާ ދިން ޕާހަކުންނެވެ. ދެ ވަނަ ހާފަށް ނުކުމެ ދެ ވަނަ މިނެޓްގައި ނެދަލޭންޑްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޑޮނީ ވެންޑެބީކް އެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ، ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރޯމޯސް ވަނީ، ޔޫރަޕްގައި އެންމެ ގިނަ އިންޓަނޭޝަނަލް މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަ ކޮށްފަ އެވެ. ރޭ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު 176 ވަނަ މެޗާއެކު ރާމޯސް ވަނީ، އިޓަލީގެ ކުރީގެ ކީޕަރު ޖިއާންލުއީޖީ ބުފޯންގެ ރެކޯޑާ އަރާ ހަމަހަމަ ކޮށްފަ އެވެ. އެންމެ ގިނަ އިންޓަނޭޝަނަލް މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާ ހަމަ ކުރަން ރެއާލްގެ ޑިފެންޑަރަށް މަދު ވަނީ އަށް މެޗެވެ. އިންޓަނޭޝަނަލް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔަކީ މިސްރުގެ ކުރީގެ މިޑްފީލްޑާ އަހްމަދު ހަސަން އެވެ.

ބެލްޖިއަމް އާއި ސްވިޒަލޭންޑް ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 2-1 ންނެވެ. އެސްޓޯނިއާގެ މައްޗަށް އިޓަލީ މޮޅުވީ 4-0 ންނެވެ. ޗެކްރިޕަބްލިކްގެ މައްޗަށް ޖަރުމަން މޮޅުވީ 1-0 ންނެވެ. އެންޑޯރާ އާ ދެކޮޅަށް ކުޅުނެ މެޗު ޕޯޗްގަލް ކާމިޔާބު ކުރީ 7-0 ންނެވެ.