ބޮލީވުޑް

ރާއްޖެ އައުމުން ހިތް އުފަލުން ފުރޭ: ކާޖޮލް އަގަރްވާލް

ފިލްމީ ބަތަލާ ކާޖަލް އަގަރްވާލް މިހާރު ދަނީ ރާއްޖޭގައި ހަނީމޫން ހޭދަކުރަމުންނެވެ. އަދި ފިރިމީހާ ގޯތަމް ކިޗްލޫ އާއެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް ކޮންމެ ދުވަހަކުވެސް ކާޖަލް ގެންދަނީ ސޯޝަލް މީޑިއާގައި އޭނާގެ ފޭނުންނާ ހިއްސާ ކުރަމުންނެވެ.

"މި ރީތި ގައުމަށް އަހަރެން އަންނަ ކޮންމެ ފަހަރަކު ވެސް އަހަރެންގެ ހިތް ވަރަށް އުފާވެ މިނިވަންކަމުގެ އިހްސާސް ކުރެވޭ،" ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާ ކުރަމުން ކާޖަލް ލިޔެފައި ވެއެވެ.

ކާޖަލް އިންޑިޔާގެ ނޫހަކަށް ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ދިވެހިރާއްޖެއަކީ އޭނާއަށް އެންމެ މަގްބޫލު ހޮލިޑޭ ޑެސްޓިނޭޝަން ކަމަށް ބުނެފައި ވެއެވެ. އަދި މީގެ ކުރިން ވެސް އޭނާ އެތައް ފަހަރަކު ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކައިވެނި ކުރިޔަސް ފިލްމު ކުޅުން ހުއްޓާނުލާނެ ކަމަށް ވެސް ކާޖޮލް ވަނީ ބުނެފަ އެވެ. އެގޮތުން މިހާރު ވެސް އޭނާ ސޮއިކޮށް ކުޅެން ހަމަޖެހިފައިވާ ދެ ފިލްމެއް އެބައޮތެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ޖޯން އަބްރަހަމް އާއެކު ކުޅެން ހަމަޖެހިފައިވާ "މުމްބައި ސާގާ" އެވެ. ދެ ވަނަ ފިލްމަކީ ކަމާލް ހަސަންގެ "އިންޑީއަން 2" އެވެ.

ކާޖަލް ނޫނަސް ބޮލީވުޑް ބައެއް ތަރިން މިހާރު ރާއްޖޭގައި އެބަ ތިއްބެވެ. ރާއްޖޭގައި މި ވަގުތު ތިބި އެކްޓަރުންގެ ތެރޭގައި ކެޓުރީނާ ކައިފް ހިމެނެ އެވެ. އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކެޓުރީނާގެ މިފަހަރުގެ ދަތުރަކީ ފޮޓޯޝޫޓެއް ނަގަން އައި ދަތުރެކެވެ.
އަދި ޓައިގާ ޝްރޮފް ވެސް އާއިލާއާއެކު މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެ އެވެ.