ލައިފްސްޓައިލް

ވެޑިން ފޮޓޯޝޫޓްގައި ގެނބިގެން ދެމަފިރިން މަރު

އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގެ މައިސޫރުގައި ހިނގި ހާދިސާއެއްގައި އަލަތު ކައިވެންޏަށް ތައްޔާރުވަމުންދިޔަ ދެ ޒުވާނަކު މަރުވެއްޖެ އެވެ. މި ދެ ޒުވާނުން މަރުވީ ކައުވަރީ ކޯރުގައި އެމީހުން އިށީނދެތިބި ކޮރެކްލް (ވައްކޮށް އޮންނަ ޖަލިޔާގަނޑެއް ފާޑު އެއްޗެއް) ބަންޑުން ޖަހާލައިގެންނެވެ. މިއީ ކައިވެނީގެ ރަސްމިއްޔާތުތައް ފެށުމުގެގޮތުން ނަގަމުންދިޔަ ފޮޓޯޝޫޓެކެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 20 އަހަރުގެ ޝަޝީކާލާ އާއި 30 އަހަރުގެ ޗަންދުރޫ އެންގޭޖްވީ މިދިޔަ ހަފުތާގަ އެވެ. އަދި މިހިނގާ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހު މި ދެ މީހުންގެ ކައިވެނިކުރަން އޮތީ ހަމަޖެހިފަ އެވެ. ކޮރެކްލް ބަންޑުން ޖަހާލީ އެމީހުން ފޮޓޮއެއް ނަގަން ކައިރިވެލި ވަގުތު އެވެ.

ދަ ހިންދޫ ނޫހުން ބުނި ގޮތުގައި ފޮޓޯޝޫޓް ނަގަން ކޯރުގައި ދުއްވާލާނެ ބޯޓެއް ހޯދަން އެ ދެ މީހުން ފުރަތަމަ އެދުނީ އެތާ ކައިރީ އޮންނަ ޓަލްކަޅް ކިޔާ ރިސޯޓެއްގަ އެވެ. ނަމަވެސް ބޯޓުތަކަކީ ހަމައެކަނި ގެސްޓުން ބޭނުންކުރަން ހުންނަ އެއްޗަކަށް ބުނެ ރިސޯޓުގެ މެނޭޖަރުން ބޯޓެއް ނުދިނީ އެވެ. އެހެންވެ ކޯރުގައި އޮތް ކޮރަކްލް އަކަށް އަރައިގެން ކޯރުގެ އަނެއް ފަރާތަށް ދާން އެމީހުން އުޅުނީ އެވެ.

އެންމެ ކުރިން ކޮރެކްލް އަށް އެރީ ޗަންދުރޫ އެވެ. ޝަޝީކާލާ ހުރީ ފުންނާބު އުސް ފައިވާނަކަށް އަރައިގެން ކަމުން ކޮރެކްލް އަށް އަރަނިކޮށް ކޮރެކްލް އަރިއަޅާލުމުން ބެލެންސް ގެއްލިގެން އޭނާ ވެއްޓެން ފެށީމަ ޗަންދުރޫ އޭނާގެ ގައިގައި ހިފެހެއްޓުމުން ދެ މީހުން ވެސް ކޯރަށް ވެއްޓި ގެނބުނީ އެވެ. ކޮރެކްލް ވެސް އޮތީ އަނެއް ފުށުން ޖެހިފަ އެވެ.

ވަގުތުން އެހިސާބުގަނޑު ފުލުހުންނަށް ގުޅައިގެން އައިސް ޕްރޮފެޝަނަލް ފެތުންތެރިންގެ އެހީގައި ކޯރުން އެ ދެ މީހުންގެ މަރުވެފައިވާ މަސްގަނޑު ނެގުނީ ހާދިސާ ހިނގިތާ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވީފަހުންނެވެ.
ކޮރެކްލްގައި އެ ވަގުތު އިން މަސްވެރިޔާ ވަނީ ފަތާފައި އެއްގަމަށް އަރާފަ އެވެ.