އަންނަ އަހަރަށް ފަސް ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހު ހަތަރު ޖާގައަށް ވާދަ ކުރާ ގައުމުތައް މިރޭ ފައިނަލް ވެގެންދާނެ އެވެ. މިރޭގެ ޕްލޭއޮފް މެޗުތަކުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓި ފައި ވަނީ ޖޯޖިއާ އާއި މެސަޑޯނިއާގެ މެޗަށެވެ. އެއިން ކޮންމެ ޓީމެއް މިރޭ މޮލުވިނަމަވެސް އެ ޓީމަކަށް ޔޫރޯއިން ފުރުސަތު ލިބިގެންދާނީ މުޅިން އަލަށެވެ.
ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޖޯޖިއާ، ސޯވިއެޓް ޔޫނިއަން ރޫޅުމުން ވކި ގައުމެއްގެ ގޮތުގައި ހަމަޖެހުނުފަހުން އެއްވެސް ބޮޑު މުބާރާތަކާ ހަމައަށް އެ ޓީމަކަށް ދެވިފައެއް ނެތެވެ. ކުރީގެ ޔޫގޮސްލޭވިއާގެ ބައެއްގެ ގޮތުގައި މެސަޑޯނިއާ ވެސް ބޮޑު އެއްވެސް މުބާރާތެއްގެ ދޮރާ ހަމައަށް ދެވިފަ އެއް ނެތެވެ.
ކޮންމެ ޓީމެއް މޮޅުވިޔަސް، މި ކާމިޔާބު ވެގެންދާނީ އެ ގައުމުގެ ފުޓުޓްބޯޅައިގައި ލިބިގެންދާ ތާރީހީ ބޮޑު ކާމިޔާބަކަށެވެ.
ގުރޫޕް ސްޓޭޖު ބުރުން ކޮލިފައި ނުވުމުން ޕްލޭއޮފް އާ ހަމައަށް ކުރި ދަތުރުގައި އުތުރު މެސަޑޯނިއާ އިން ވަނީ ގުރޫޕް ސްޓޭޖުގައި ސްލޮވޭނިއާ، އިސިްރާއީލް އަދި ލެޓްވިއާ ބަލިކޮށްފަ އެވެ. ކޮލިފައިންގައި ޖޯޖިއާ މޮޅުވީ ދެ މެޗުންނެވެ. އެއީ ޖިބްރޯލްޓާ އާ ދެކޮޅަށް ކުޅުނު ދެ ލެގްގެ މެޗުންނެވެ. އަމިއްލަ ދަނޑުގައި ޑެންމާކު އަދި ރިޕަބްލިކް އޮފް އަޔަލޭންޑް އާ އެއްވަރުކޮށް ގޫރޫޕް ސްޓޭޖުގައި ޖުމުލަ އަށް ޕޮއިންޓް ހޯދި އެވެ.
ޔޫއެފާ ނޭޝަލް ލީގްގައި މި ދެ ޓީމު ބައްދަލު ކުރި ދެ މެޗުވެސް މެސަޑޯނިއާ ވަނީ ޖޯޖީއާ ލީޑް ނެގި ފަހުން އެއްވަރު ކޮށްފަ އެވެ. ދެ ގައުމުގައި ކުޅުންތެރިންނަށް ބަލާއިރު އެންމެ މަޝްހޫރު ކުޅުންތެރިން ތިބީ މެސަޑޯނިއާގަ އެވެ. ލިޑްސް ޔުނައިޓެޑްގެ އަޒްގިއާ އަލިއޮސްކީ އާއި އެ ޓީމުގެ 37 އަހަރުގެ ކެޕްޓަން ޖެނޯއާގެ ގޮރާން ޕެންޑޯވް އަކީ މަޝްހޫރު ދެ ނަމަވެ.
މި ދެ ޓީމުގެ ތެރެއިން މޮޅުވާ ޓީމެއް ކޮލިފައިންގައި ޖެހޭނީ ނެދަލޭންޑްސް، ޔޫކްރޭން އަދި އޮސްޓްރިއާ ހިމެނޭ ގުރޫޕް ސީގަ އެވެ.
ޕްލޭޮފްގައި ދެން އޮތީ، ސާބިއާ އާއި ސްކޮޓްލޭންޑްގެ މެޗެވެ. ޓީމުގެ ސްޓްރެންތާއި އެޑްވާންޓޭޖަށް ބާލާއިރު ކުރި ލިބެނީ ސާބިއާ އަށެވެ. އެހެންނަމަވެސް ސްކޮޓްލޭންޑްގެ އުންމީދުތައް މައްޗެވެ. ޔޫރޯއަށް އަލުން ކޮލިފައިވުމަށް އެ ޓީމުން އުންމީދު ކުރާތާ 23 އަހަރު ވެއްޖެ އެވެ.
ދެން އޮތީ އެންމެ ފަހުގެ ޔޫރޯއަށް މުޅިން އަލަށް ކޮލިފައިވެ ރަނގަޅު ނަތީޖާތަކެއް ނެރުނު އައިސްލެންޑާއި ހެންގޭރީގެ މެޗެވެ. ފްރާންސްގައި ބޭއްވި ޔޫރޯ އާއި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފެނުނު ތޫނު ފިލިކަމެއް މިފަހަރުގެ ކޮލިފިކޭޝަންގައި އައިސްލޭންޑްގެ ޓީމަކުން ނުފެނުނެވެ. އެހެންވެ ޔޫރޯއަށް ކޮލިފައި ވުމުގައި އެ ޓީމުގެ ދަތުރު ވަނީ ދިގުވެފަ އެވެ. ދެން ހިމެނެނީ އުތުރު އަޔަލޭންޑާއި ސްްލޮވާކިއާގެ މެޗެވެ.