ހަބަރު

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ކެމްޕޭނަށް 4.3 މިލިއަން ރުފިޔާ

Nov 13, 2020
4

ރާއްޖޭން އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ކުރުމަށް ކުރާ ކެމްޕޭނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭން ކުރިމަތިލާން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި، އެ ކެމްޕޭނަށް 4.35 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އަހަރަކު އެއް ފަހަރު އދ.ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރަނީ މެންބަރު ގައުމުތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

މިގޮތުން، އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ އެ ގޮތަށް އިންތިހާބު ކުރެވޭ ރައީސްގެ މަގާމުގައި އިންނަވާ ބޭފުޅެކެވެ.

މިދިއަ ޖޫން މަހު އެ މަގާމަށް އިންތިހާބު ކުރައްވާފައިވަނީ ތުރުކީގެ ވޮލްކަން ބޮޒްކީރް އެވެ. އޭނާގެ ދައުރު 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ހަމަވާނެ އެވެ.

މި އަހަރުގެ އިތުރުން، 2022 ވަނަ އަހަރުވެސް ޝާހިދުގެ ކެމްޕޭނަށް 6.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ވަނީ ލަފާކޮށްފައި އެވެ.

އދ.ގެ އާއްމު މަޖިލީހަށް އިންތިހާބުކުރަނީ ކޮންމެ އަހަރަކުވެސް އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.

މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފައި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މި ހަފްތާގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އދ.ގެ އާއްމު މަޖިލީހު ރައީސްކަމަށް ޝާހިދު އިންތިހާބު ކުރަން އިންޑިއާއިން ތާއީދުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.