ސިޔާސީ ބޭނުމަށްވެސް ދައްކައިގެން ނުވާނެ ވާހަކަ ހުންނާނެ ކަމަށާ ގައުމީ ބިން ފޮތިފޮތިވާ ފަދަ މަފުހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ބިމުގެ ވަހުދަކީ ގައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެހެން ކަމުން ގައުމީ ބިން ފޮތިފޮތިވާ ފަދަ މަފުހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"ގައުމީ ބިން ފޮތިފޮތި ވާ ފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް މައުމޫން ކުރެއްވި ޓްވީޓްގައިވިދާޅުވިއެވެ.
ރައީސް މައުމޫން މި މޭރުމުން ޓްވީޓެއް ކުރެއްވީ ކޮން ކަމަކާއި ގުޅުވައި ކަމެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ޓްވީޓުން އެ އިޝާރާތް ކުރައްވާ ކޮން ބޭފުޅަކު ދެއްކެވި ވާހަކައަކަށް ކަމެއްވެސް ވިދާޅުވެފައެއްވެސް ނުވެއެވެ.
ނަމަވެސް އެމަނިކުފާނު ޓްވީޓްގައި އެ އިޝާރާތް ކުރައްވަނީ ޖުމްހޫރީ ދުވަހާއި ގުޅުވާ ބައެއް ސިޔާސީ ބޭފުޅުން، ރައީސް ނާސިރުގެ ދުވަސްވަރު ދެކުނުގައި ވަކިން އުފެއްދި ސަރުކާރަށް ތާއީދުކޮށް ވާހަކަ ދެއްކެވި ދެއްކެވުމަށް ކަމަށް ބެލެވެއެވެ.