ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އަށް 51،354 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވި ފަހުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 51،354 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މި މުއްދަތުގައި ރާއްޖެ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 11،240 މީހުން ވަނީ އައިސްފައިވެ އެވެ. މިއީ ބޯޑަރު ހުޅުވިފަހުން އައި ޓޫރިސްޓުންގެ 21.9 ޕަސެންޓެވެ.
ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 4,468 ޓޫރިސްޓުން އައިސްފައިވެ އެވެ. އެމެރިކާއިން 3،927 ޓޫރިސްޓުން އައިސްފައިވެއެވެ. ޔޫއޭއީން 3،858 ޓޫރިސްޓުން، އިންޑިއާއިން 3،418 ޓޫރިސްޓުން އަދި ޖަރުމަނުން 2،592 ފަތުރުވެރިން ވަނީ އައިސްފައެވެ.
މި މަހުގެ ފުރަތަމަ 11 ދުވަހުތެރޭ 10،972 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 21،515 ޓޫރިސްޓުންނެވެ. ސެޕްޓެންބަރު އައީ 9،538 ޓޫރިސްޓުންނެވެ. އޮގަސްޓްގައި 7،628 ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވި ޖުލައި މަހު އައީ 1،752 ޓޫރިސްޓުންނެވެ.
މިހާތަނަށް ރާއްޖެ އަށް ޓޫރިސްޓުން އުފުލާ ދީފައިވަނީ މޯލްޑިވިއަން އާއި ފްލައިމީ ހިމެނޭ ގޮތަށް 15 އެއާލައިން އަކުންނެވެ. އެންމެ ގިނައިން މީހުން ގެނެސްފައިވަނީ އެމިރޭޓްސް އިންނެވެ. އެމިރޭޓްސް އިން މިހާތަނަށް 16,260 މީހުން ރާއްޖެ ގެނެސްދީފައިވެ އެވެ. އަދި އެންމެ ގިނައިން ފްލައިޓް އަޅާފައިވަނީ ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އިން މިހާތަނަށް 218 ފްލައިޓް ރާއްޖެ އަށް ބޭއްވި އެވެ.
މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 434,114 ޓޫރިސްޓުން އެވެ. މީގެ ތެރެއިން 382,760 މީހުންނަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމުގެ ކުރިން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައި މީހުންނެވެ.
ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ 306 ތަނެއްގެ 32,622 އެނދު މިހާރު ހުރީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. މީގެތެރޭގައި ހިމެނެނީ 120 ރިސޯޓެއްގައި ހުރި 28,390 އެނދާއި 65 ގެސްޓްހައުސްއެއްގައި ހުރި 1,956 އެނދު އަދި 121 ސަފާރީއެއްގައި ހުރި 2,276 އެނދެވެ.