އިދިކޮޅު ފަރާތްތައް

އިދިކޮޅު ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ އިންތިހާބު ބާއްވައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓްލުން ފަށައިފި އެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް މިއަދު އިންތިހާބުގެ ވޯޓް ނެގުން ކުރިއަށް އެބަދެއެވެ.

މާލޭގައި ވޯޓް ނެގުން ކުރިއަށް ދަނީ ކުރިން މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި މިހާރުގެ އިއްޒުއްދީން ސުކޫލްގައެވެ. މީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައިވެސް އިންތިހާބު ކުރިއަށް ދެއެވެ.

މި އިންތިހާބުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ނާއިބް ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކަންކަން ވަރަށް އޮމާން ކަމާއެކު ކުރިއަށްދާ ކަމަށެވެ. އިންތިހާބުގައި މިހާރު ވަރަށް ގިނަ ބަޔަކު ވޯޓްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އިންތިހާބުގެ ކަންކަން ވަރަށް ފޯރިއާއެކު ކުރިއަށް މިދަނީ. ވަރަށް ގިނަ މެންބަރުން މިހާރުވެސް ވޯޓްލައިފި. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބަޔަކު އިންތިހާބުގައި ވޯޓްލުން،"

މުއިއްޒު ވިދާޅުވީ ސްޓިއަރިން ކޮމިޓީތަކާއެކު ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. ސްޓިއަރިން ކޮމިޓީތަކެއް އުފެއްދުމުގެ ބޭނުމަކީ އެއީ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ސްޓިއަރިން ކޮމިޓީގެ އިންތިހާބާއެކު ކޯލިޝަންގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ. އަދި ހުރިހާ ކުރިއަށް އޮތްތާ ކޯލިޝަނުން ކުރިއަށް ގެންދާ ކޮންމެ ހަރަކާތެއްވެސް ވަރަށް ބޮޑަށް އޮގަނައިޒްވެގެން ކުރިއަށް ދާނީ،" މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސްޓިއަރިން ކޮމިޓީގެ އިންތިހާބަށް 1،100 ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި ކަމަށެވެ. މިއަދު ކުރިއަށް ދަނީ 18 ކޮމެޓީއެއްގެ އިންތިހާބެވެ.

އިންތިހާބު ކުރިއަށް ނުދަނީ ސްޓިއަރިން ކޮމިޓީއަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން ކުރިމަތިލާފައިވާ ކޮމެޓީތަކަށެވެ. މާލޭގައި ހިންގަމުން ދަނީ މާލޭގެ ދެ އަވަށެއްގެ އިންތިހާބުގެ އިތުުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ އިންތިހާބުތަކެވެ.

ހީނާ ވިދާޅުވީ އިންތިހާބަށް ޕާޓީގެ މެންބަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ބައެއް ރަށްރަށުގައި އިންތިހާބުތައް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

"ހުޅުމާލޭގެ އިންތިހާބު ވަރަށް ވާދަވެރި. އަދި އައްޑޫ އާއި ލ އަތޮޅުގައިވެސް ވަރަށް ފޯރިގަދަކޮށް ކުރިއަށްދަނީ،"

މިއަދުގެ އިންތިހާބާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިދިކޮޅު ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތައް ގާއިމްވެގެން ދާނެ އެވެ. ސްޓިއަރިން ކޮމިޓީގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅުން ވާދަކުރާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިދިކޮޅުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ވެސް ހިމެނެއެވެ.