އައިޝަތު ނަހުލާ

މުލި، ބިލެތްފަހި އަދި ތުޅާދޫގައި އެއާޕޯޓް އަޅަނީ

ކުރިއަށް އޮތް އަަހަރު މ. މުލި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށާ ބ. ތުޅާދޫގައިވެސް އެއާޕޯޓް އެޅުމުގެ ޕްލޭނެއް ކުރެވިފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަރުކާރުގެ މީޑިއާއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް އަހަރު ބިލެތްފަހި އަދި މުލި އެއާޕޯޓް އެޅިގެންދާނެ. އަދި ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވަނީ. އެހެންވީމަ މި ދެންނެވި އެއާޕޯޓްތައް އެޅުނީމަ އިތުރަށް ފުރިހަމަ ވާނެ،"

ނަހުލާ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި މާވަރުލާއި ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާ އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ. އަދި މިހާރު ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށީގަައި އަަޅަމުންދާ އެއާޕޯޓްގެ މަސައްކަތް މި މަހު ނިންމާ ހުޅުވާނެ ކަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓް ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުން ކުރިން އިއުލާނުކުރި ގޮތަށް އެއާޕޯޓްގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިނިސްޓަރު ކުރިން ވަނީ ހޯރަފުށީ އެއާޕޯޓް އޮގަސްޓް މަހު ހުޅުވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޑިވަރު އެއާޕޯޓް އޭޕްރީލް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މ. މުލީގައި ހަދާ އެއާޕޯޓާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ތިރީސް މިނެޓުން ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ހދ. މަކުނުދޫއަކީ އެހެން ރަށްރަށާއި ވަކިން ދުރުގައި އޮތް ރަށަކަށްވުމުން ވައި މަގުން އެ ރަށަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.