ކުރިއަށް އޮތް އަަހަރު މ. މުލި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ނިންމާފައިވާ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ވިދާޅުވުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަރުކާރުގެ މީޑިއާއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށެވެ.
"ކުރިއަށް އޮތް އަހަރު ބިލެތްފަހި އަދި މުލި އެއާޕޯޓް އެޅިގެންދާނެ. އަދި ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވަނީ. އެހެންވީމަ މި ދެންނެވި އެއާޕޯޓްތައް އެޅުނީމަ އިތުރަށް ފުރިހަމަ ވާނެ،"
ނަހުލާގެ އެ ވާހަކަ ރިޕޯޓްކޮށް އަވަސް ނޫހުގައި ލިޔެފައިވާ ހަބަރަކާއެކު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުލި އަދި ބިލެއްފަހީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީން ކުރިއަށް ގެންދަވަން ނިންމަވާ އެމަނިކުފާނު އިއުލާނުވެސް ކުރައްވާފައިވާ މަޝްރޫއުތަކެއް ކަމަށެވެ. މުލީގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާ ނިންމެވި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އަދި ބިލެއްފަހިން ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭގޮތަށް މެގަ ޕްރޮޖެކްޓެއްގެ މާސްޓަޕްލޭން ހެއްދެވި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"މުލި، ބިލެއްފަހި އެއާޕޯޓް އެއީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމަވާ އެމަނިކުފާނު އިއުލާނު ކުރައްވާފައިވާ އެއާޕޯޓް ތަކެއް. މުލީގެ އެއާޕޯޓް އެޅުމަށް މުލި ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާ ނިންމެވި. ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭ ގޮތަށް މެގަ ޕްރޮޖެކްޓްގެ މާސްޓަޕްލޭން ހެއްދެވި،" މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މ. މުލީގައި ހަދާ އެއާޕޯޓާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ތިރީސް މިނެޓުން ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ހދ. މަކުނުދޫއަކީ އެހެން ރަށްރަށާއި ވަކިން ދުރުގައި އޮތް ރަށަކަށްވުމުން ވައި މަގުން އެ ރަށަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި މާވަރުލާއި ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާ އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ. އަދި މިހާރު ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށީގަައި އަަޅަމުންދާ އެއާޕޯޓްގެ މަސައްކަތް މި މަހު ނިންމާ ހުޅުވާނެ ކަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓް ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިން އިއުލާނުކުރި ގޮތަށް އެއާޕޯޓްގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިނިސްޓަރު ކުރިން ވަނީ ހޯރަފުށީ އެއާޕޯޓް އޮގަސްޓް މަހު ހުޅުވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޑިވަރު އެއާޕޯޓް އޭޕްރީލް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ.