ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައިވެންޏެއްގެ އުފަލުގައި މާލޭގައި ހަވާ އަރުވައިފި

ކައިވެންޏެއްގެ އުފަލުގައި މާލޭގައި ހަވާ އަރުވައިފި އެވެ.

އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ކަނޑުމަތީ ސަރަހައްދުގައި ހަވާ އަރުވާފައިވަނީ މިރޭ 8:10 ފެށިގެން ދެ މިނެޓަށެވެ. އެނގިފައިވާ ގޮތުގައި މިރޭ ހަވާ އަރުވާފައިވަނީ ކައިވެންޏެއްގެ އުފަލުގައެވެ. އެއީ ކައިވެނި ކުރި ދެ މީހުންގެ އާއިލާއިން އެ ދެ މީހުންނަށް ދިން ސަޕްރައިޒެއްގެ ގޮތުގައި ކުރި ކަމެކެވެ. އެއީ ދެ ދިވެއްސެއްގެ ކައިވެންޏެކެވެ. ނަމަވެސް މި މައުލޫމާތު ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މިއީ ވިޔަފާރި އުސޫލުން ސިފައިންގެ ވިޔަފާރި ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށް ގެންދިޔަ އިވެންޓެއް ކަމަށެވެ. އާޒިމް ވިދާޅުވީ އެކި ވިޔަފާރިތަކާއި އާންމުންގެ ރިކްއެސްޓްތަކަށްވެސް ސިފްކޯއިން ހަވާ އަރުވާ ކަމަށެވެ.

މިރޭ ހަވާ އެރުވި މަންޒަރު ބަލަން އެ ސަރަހައްދަށް އާންމުންގެ ގިނަ ބަޔަކު ޖަމާވެފައިވެއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އެޗްޕީއޭގެ ރައްކާތެރިކަމުގެ ގައިޑްލައިނަށް ލުއި ދިން ނަމަވެސް އަދިވެސް އެއް ފަހަރާ އެއް ވެެވެނީ 15 މީހުންނަށްވުރެ އިތުރު ނުވާ ގޮތަށެވެ.

ހަވާ ބަލަން ދިޔަ މީހުން އެއްވުން ހުއްޓުވަން ފުލުހުން ވަކި މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވެފައެވެ.

މީގެ ކުރިން އާންމުކޮށް ހަވާ އަރުވަނީ ގައުމީ އެކި މުނާސަބަތުތަކާއި ގުޅިގެންނެވެ. ނޫންނަމަ ތަނެއް ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅިގެންނެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ ނާއިބް ރައީސް އަހުމަދު އަދީބުގެ އިސްނެންގެވުމަށް ވަރަށް ގިނައިން ހަވާ އަރުވާ އުޅުނެވެ.

ނަމަވެސް މަދުމަދުން ނަަމަވެސް އެކި ވިޔަފާރިތަކުން އެދިގެން ނޫނީ އަމިއްލަ މީހުން އެދިގެންވެސް ސިފައިން ހަވާ އަރުވާދީފައިވެއެވެ. ރިސޯޓްތަކާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވާދީފައިވެއެވެ.

ރާއްޖޭގައި ސިފައިން ނޫން ބަޔަކު ހަވާ އެރުވުމަކީ މަނާ ކަމެކެވެ. ސިފައިންވެސް ހަވާ އަރުވަނީ މާލެއިން ބޭރުގައި ކަނޑުމަތީއެވެ. މީގެ ކުރިން އެންމެ ފަހަރަކު ނޫނީ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ކަނޑުމަތީ ހަވާ އަރުވާފައެއް ނުވެއެވެ. އާންމުކޮށް ހަވާ އަރުވަނީ މާލޭގެ އިރުމަތިން ހުޅުލެއާވީ ފަޅިންނެވެ.

މިރޭ ހަވާ އަރުވާކަން ސިފައިން ހާމަކުރުމުން ބައެއް މީހުން ވަނީ މިއީ ދިވާލީ ފާހަގަ ކުރުމަށް ކަމަށް ކުރާ ކަމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.