ފިނިޕޭޖް

ބާންސާލީ އާއި އިސްމާއިލް ދަރްބާރުގެ ކޯޅުން

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓް ކުރި ޝާހްރުކް ޚާނާއި އައިޝްވަރިޔާ ރާއީ އަދި މާދުރީ ޑިކްޝިޓް ލީޑް ރޯލުތައް ކުޅުނު "ދޭވްދާސް" ރިލީޒްކުރީ 2002 ވަނަ އަހަރު އެވެ. މިއީ ގިނަ ބަޔަކަށް ވަރަށް މަގްބޫލުވި ފިލްމަކަށް ވެފައިވާއިރު ފިލްމުގެ މިއުޒިކަކީ މިހާރު ވެސް ގިނަ ބައެއްގެ ފޭވަރިޓެކެވެ. މި ފިލްމަށް މިއުޒިކް ތައްޔާރު ކޮށްދީފައި ވަނީ އިސްމާއިލް ދަރްބާރެވެ.

ބާންސާލީ އެންމެ ކުރިން އުފެއްދި ހުރިހާ ފިލްމެއްގައި ވެސް ހިމަނާފައި ވަނީ ދަރްބާރުގެ މިއުޒިކެވެ. ނަމަވެސް "ދޭވްދާސް" އުފެއްދި ދުވަސްވަރު ދަރްބާރް އާއި ބާންސާލީގެ މެދުގައި ވަރަށް ވަރުގަދަ ކޯޅުންގަނޑެއް ހިނގި އެވެ. އަދި އެ ފިލްމަށް ފަހު މި ދެ ފަންނާނުން އެކުގައި މަސައްކަތް ކޮށްފައެއް ވެސް ނުވެ އެވެ.

ފަހުން ބާންސާލީ އުފެއްދި "ރާމް ލީލާ"، "ޕަދުމާވަތު" އަދި "ބާޖީރާއޯ މަސްތާނީ" ގެ މިއުޒިކް ތައްޔާރުކުރީ ޚުދް ބާންސާލީ އެވެ.

ދާދިފަހުން މިއުޒިކް ޑައިރެކްޓަރު އިސްމާއިލް ދަރްބާރް ދީފައިވާ އިންޓަވިއު އެއްގައި މި ވާހަކަތައް ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި ބާންސާލީ އާ ދިމާވީ "އީގޯ ކްލޭޝް" އެކެވެ. ދެ މީހުން ވެސް އެތްވަރުގެ ގޮތް ދޫނުކުރާ ބޯހަރު ދެ މީހުން ވީމާ މިފަދަ ކަންކަން ދިމާވާނެ އެވެ.

ދަރްބާރް ބުނީ ބާންސާލީ އާ އޭނާއާ ޖެހުނު މައްސަލަތައް އެންމެ ބޮޑަށް ހޫނުވީ "ޑޯލާ ރޭ" އާއި "ބެއިރީ ޕިއާ" ގެ ޝޫޓިން ބޭއްވިއިރު އެވެ. ދެ މީހުންގެ މައްސަލަ ބޮޑުވެގެން ޝޫޓިން އެހެން ދުވަހަކަށް ފަސް ކުރަން ވެސް ޖެހުނެވެ.

"ބާންސާލީ އަކަށް 'ޑޯލާ ރޭ' އެއް އަދި 'ބެއިރީ ޕިއާ' އެއް ވެސް ކަމަކު ނުދޭ. އެކަމަކު އަހަރެން އެ ލަވަތައް ބަދަލު ކުރާކަށް ބޭނުމެއް ނޫން. އެހެންވެ ޝޫޓިން ވެސް ލަސްކުރި. ލަސްކުރީމަ ބާންސާލީ ފިލްމު ސިޓީގައި ތައްޔާރުކުރި ސެޓު ބުކްކޮށްފައި އޮތް މުއްދަތު ހަމަވެގެން އެ ތަން ދޫކޮށްލަން ވެސް ޖެހުނު. އެހެންވެ އެހެން ތަނެއްގައި އަލުން ސެޓެއް ތައްޔާރުކޮށްގެން ލަވަ ޝޫޓްކުރީ،" ދަރްބާރް ބުންޏެވެ.

ނަމަވެސް ގިނަ ދުވަސް ތަކަކަށްފަހު އޭނާ އާ ބާންސާލީގެ ގުޅުން ރަނގަޅުވެފައި ކަމަށް އިސްމާއިލް ދަރްބާރް ބުންޏެވެ.

"އަހަރެން އަލުން ބާންސާލީ އާއެކު މަސައްކަތް ކުރަން ތައްޔާރު. ނަމަވެސް އަހަރެންގެ ކްރިއޭޓިވިޓީ ގުރުބާން ކޮށްފައެއް ނޫން،" ދަރްބާރް ބުންޏެވެ.