ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު ދިނުން 19 ވަނަ ދުވަހު

Nov 14, 2020
1

ދަނޑުވެރިކަން ތަރައްގީ ކުރަން ހުޅުވާލާ ހަ ރަށުގެ މައުލޫމާތު ދިނުން މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން ބުނި ގޮތުގައި ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި ހަ ރަށުގެ ބީލަން ކަރުދާހާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން ކުރިން ބާއްވަން ނިންމީ މިމަހުގެ 17 ވަނަ ދުވަހު ނަމަވެސް މިހާރު މި ބައްދަލުވުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ރަށްތަކުގެ މައުލޫމާތު ދިނުމަށް ޕްރީބިޑް މީޓިން ބާއްވަން ނިންމާފައި ވަނީ ޒޫމް މެދުވެރިކޮށެވެ. އަދި މި ފޯރަމްގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތް ތަކުން އީ-މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި ހަ ރަށެއް ދޫކުރަން ސަރުކާރުން ނިންމާފައިވެ އެވެ. މި ރަށްތައް ދެނީ 21 އަހަރަށެވެ.

ދަނޑުވެރިކަމަށް ދޫކުރަން އިއުލާނު ކުރި ރަށްތަކަކީ ހއ. މަޑުލާއި ށ. ކަކާއެރިއަދޫ އާއި އެ އަތޮޅު ނެޔޮ އާއި ނ. ތޮޅެންދޫ އާއި ބ. މާއްޑޫ އާއި ގދ. އޮއިނގިއްލާ އެވެ. -- މީގެ ތެރެއިން ތޮޅެންދޫއަކީ ކުރިން ނ. އަތޮޅުގައި ކުޑަ އާބާދީއެއް އޮތް ރަށެކެވެ. އެރަށު މީހުން ބަދަލު ކުރީ ކެނދިކުޅުދޫއަށެވެ.

މި ރަށްތައް ދޫކުރުމުގެ މަގުސަދެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރު ކުރުމާއި އެތެރެ ކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމެވެ. އަދި ޕޯލްޓްރީ އާއި ބަކަރި ގެންގުޅުމާއި ރާއްޖެ އަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާ ގެހި އުފައްދައި އާމްދަނީ ހޯދޭނެ ފުރުސަތުތައް އިތުރު ކުރުމެވެ. މި ރަށްތަކުގެ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މި ރަށްތައް ނަގާ ފަރާތްތަކުން ބިމުގެ ސަރަހައްދުން ގިނަ ވެގެން 30 ޕަސެންޓުގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް ހައްދަން ޖެހެ އެވެ.

ސަރުކާރުތަކުން އެކި ޒަމާންތަކުގައި ދަނޑުވެރިކަމަށް ރަށްތައް ދޫކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ދަނޑުވެރިން އެކަށީގެންވާ ފެންވަރެއްގައި ކުރަނީ ދެ ތިން ރަށުގަ އެވެ.