ތ. ތިމަރަފުށީގައި ފާރެއް ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެ ހާލު ދެރަވި މީހާއަށް މާލޭގައި ފަރުވާ ދޭން ފެށުމާއެކު އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
ތިމރަފުށީ ގެއެއްގެ މަގުމަތީ ފާރު ވެއްޓެން ކައިރިވެފައި ހުއްޓާ އޭގެ މަރާމާތު މަސައްކަތް ކުރަމުން ދަނިކޮށް އެ ފާރު ވަނީ އެވަގުތު މަސައްކަތް ކުރަން ތިބި މީހުންގެ ގައި މައްޗަށް ވެއްޓިފަ އެވެ.
މި މަހުގެ 11 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އެ މަސައްކަތުގައި އުޅުނު އުމުރުން 41 އަހަރުގެ މުހައްމަދު ޒަކީ އަށެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވުމުގެ ސަބަބުން އިތުރު ފަރުވާއަށް އެ ދުވަހު ސިފައިންގެ ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްފަ އެވެ.
މިހާރު އޭޑިކޭ އައިސީޔޫގައި ފަރުވާ ހޯދާ އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާގެ ފަރާތުން ވާހަކަދެއްކި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ދުންޔާ ހުސައިން މަނިކު މިއަދު ބުނީ ބޭބެގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑިގެ އެއްފަޅިއަށް ލޭ އެޅި އެ ލޭ ގަނޑުވެފައިވާ ކަމަށެވެ.
ގަނޑުވެފައިވާ ލޭ ދިޔައި ކުރުމަށް ބޭސް ދެމުންގެންދާ ކަމަށާއި މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި ބުނީ ލޭ ދިޔައިވަމުންދާތީ އޮޕަރޭޝަނަކަށް ނުގޮސް ރަނގަޅުކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
"ޑޮކްޓަރުން މިހާރު ބުނީ ސިކުނޑިއަށް އެޅިފައިވާ ލޭ ދިޔައި ވެއްޖެނަމަ އޮޕަރޭޝަނެއް ނުކޮށް ރަނގަޅުވެދާނެ ކަމަށް. އިރާދަ ކުރެއްވިއްޔާ މިހާރު ބޭބެގެ ހާލަތު އަންނަނީ ރަނގަޅުވަމުން. ބޭބެއަށް އެވަރުވީ ފާރު ވެއްޓެން ދިޔައިރު އިރު އޭގެ ވިއްދާފަ ހުރި ދަގަނޑުތަކުން ދަނގަޑެން ބޮލުގައި ޖެހިގެން،" އޭނާ ބުންޏެވެ.
ދުންޔާ ބުނީ އޭޑީކޭގައި އޭނާގެ ބޭބެއަށް ފަރުވާ ފަރުވާދެމުން އަންނަ އިރު އެންމެ ބޮޑަށް ވިސްނަނީ އޭޑީކޭއިން ދޭ ފަރުވާތަކަށް ފައިސާ ދެއްކޭނެ ގޮތަކާ މެދުގައި ކަމަށެވެ.
"އަޅުގަނޑުމެންނަކީ ކިރިޔާ ލިބޭ އެއްޗަކުން ފުދިގެން އުޅޭ ބައެއް... އަޅުގަނޑުމެން އަތުގަ ފައިސާއެއް ނެތް. ބޭބެ އަށް އޭޑީކޭގަ ފަރުވާ ދެމުންދާއިރު އެކަމަށް ހިނގާ ހަރަދާމެދު މިހާރު ވަރަށް ބޮޑަށް ވިސްނޭ. އެދެނީ ދީލަތި އެހީއަކަށް" އޭނާ ބުންޏެވެ.