އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލަ މިލިޓަރީ ޕޮލިހުން ބެލުމަށް ފަހު ފުލުހަށް މައްސަލަ ފޮނުވައިފި އެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ އޭޑީކޭގެ ފާހާނާއެއްގެ ތެރޭގައި ފިސްތޯލައެއް ބޭއްވިފައިވަނީ ސިފައިންގެ މީހެއްގެ އަތުން ކަމަށެވެ. އަދި އޭނާ މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މައްސަލަ މިލިޓަރީ ޕޮލިހުން ބެލުމަށް ފަހު ފުލުހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނީ އެ ހޮސްޕިޓަލްގެ މުވައްޒިފަކަށެވެ. މި ވާހަކަތައް ފެންމަތީ އިއްޔެ އެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ހަރުކަށި ފިކުރުގެ މީހުންނެވެ. އަދި އައްޑޫ ސިޓީ އިން ވެސް ވަނީ ހަރުކަށި ފިކުރުގެ ނުވަ މީހުން ހައްޔަރުކޮށްފަ އެވެ. އެމީހުންނާއި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.