މޯލްޑިވްސް ޕޮލިސް ސާވިސް

ސިފައިންގެ މީހާ ރަހީނުކުރީ މާލެއަކުން ނޫން، ގުޅެނީ ޒާތީ މައްސަލައަކާ

ރޭގެ ދަންވަރުގެ ވަގުތެއްގައި ރަހީނުކޮށް އަނިޔާކުރި ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަަށެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިން ކަމަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަަަށެވެ. ދެން ބުނީ އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވާ ކަމަަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މި މައްސަލާގައި ސިފައިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެމްއެންޑީއެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ހަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަހީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މީހުން ކުރަމުންދާ އަމަލުތަކަކީ ޖާގަ ދޭނެ އަމަލުތަކެއް ނޫންކަމަށާއި ސިފައިންނަށް ދޭ އެފަދަ ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ރޭގެ ހަމަލާގައި ފަހީމްއަށް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އޭނާގެ ހާލަތު އެމްއެންޑީއެފްގެ ލީޑާޝިޕުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ސޯލިހު ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއާ ގުޅުއްވައި ފަހީމްގެ ހާލު ބެއްލެވި ކަމަށާއި މިނިސްޓަރު މާރިޔާ ވަނީ ފަހުމީގެ އާއިލާއަށް ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.