ހަބަރު

ސްޓެލްކޯގެ ޒަމާނީ ބަސް ސްޓޮޕް ހުޅުވައިފި

Nov 14, 2020
1

ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ދަށުން ދޭ ބަހުގެ ހިދުމަތް ހޯދާ މީހުން ބަހަށް އަރާފޭބުމަށް ސްޓެލްކޯއިން ހެދި ޒަމާނީ ބަސް ސްޓޮޕެއް މިއަދު ހަވީރު ހުޅުވައިފި އެވެ. އާ ބަސް ސްޓޮޕް ހުޅުވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އާ ބަސް ސްޓޮޕްގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ހައްލު ކުރުމާއި، ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަމާއެކު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާ ކަމަށެވެ.

ސްޓެލްކޯގެ "ގްރީންލައިފް އިނިޝިއޭޓިވް" ގެ ދަށުން މާލޭގެ ބޮޑުތަކުރުފާނު މަގުން ދަރުބާރުގެއާ ކައިރީ ތަރައްގީ ކުރި ބަސް ސްޓޮޕް އޭސީކޮށްފައިވާއިރު ބޯފެން ލިބޭނެ އިންތިޒާމާއި ބަސް ދަތުރުކުރާ ރޫޓް އެނގޭނެ ގޮތް ހުރެ އެވެ. އަދި ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަން ވެސް އަންގައި ދެއެވެ. މީގެ އިތުރުން ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިން ޕޮޓާއި، ކަރަންޓު ނެގޭނެ ޕޯޓްތައް ވެސް ހުރެ އެވެ.

މި ބަސް ސްޓޮޕަކީ 100 ޕަސެންޓު އިއާދަކުރަނިވި ހަކަތަ ހިމެނޭ ގޮތަށް ރާއްޖޭގައި ގާއިމް ކުރި ފުރަތަމަ ބަސް ސްޓޮޕެވެ.