އައިޝަތު ނަހުލާ

"އެޖެންޓް ގަވާއިދު" ގެޒެޓަށް ފޮނުވައިފި

ޝިޕިން އެޖެންޓުން ވިޔަފާރި ބަނދަރުން ނަގަމުންދާ ފީތައް ހުއްޓުވަން، ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ގަވާއިދު އުވާލުމަށް ފަހު އަލުން "އެޖެންޓް ގަވާއިދު" ހެދުމަށް ފަހު މިހާރު ގެޒެޓް ކުރުމަށް ފޮނުވާފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޝިޕިން އެޖެންޓުންގެ ގަވައިދު، ޖުލައި 16، 2020 ގައި ނެރުނު ނަމަވެސް އެ ގަވައިދު ތަންފީޒު ކުރަން އެއްވެސް މަސައްކަތެއް ޓްރާންސްޕޯޓް އޮތޯރިޓީން ނުކުރެ އެވެ. އަދި އޭގެ މަސް ދުވަސް ފަހުން މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ކުއްލި ގޮތަކަށް އެ ގަވައިދު ވަނީ އުވާލާފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ގަވާއިދު އުވާލި މައްސަލާގައި ރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު 70 ކުންފުނީގެ އެންމެ އިސްވެރިންގެ ސޮޔާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މައްސަލަ ވެސް ހުށައެޅި އެވެ.

އެކަމާއި ގުޅޭގޮތުން މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވީ ޝިޕިން އެޖެންޓުންގެ ގަވައިދު ހެދީ ވަރަށް ގިނަ ވިޔަފާރިވެރިން އެކަމަނާއާ ބައްދަލުކޮށް އެކަމަށް އެދުމުން ކަމަަށެވެ. ނަމަވެސް ގަވާއިދު ހަދާ ނިންމިއިރު އޭގައި ގާނޫނީ ބައެއް މައްސަލަތައް ހުރި ކަމަށާ އަދި ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދައްކަންވާ ވަރަށް ނުދެއްކި ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަަށެވެ.

މީގެ އިތުުރުން އެ ގަވާއިދު އަލުން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން އެންގި ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ. ނަހުލާ ވިދާޅުވީ ގަވާއިދާމެދު އެޓާނީ ޖެެނެރަލްގެ ލަފަޔަކަށް އެދުމުން އެ ގަވާއިދު ގެޒެޓް ނުކޮށް އިސްލާހު ކުރަން ލަފާ ދެއްވި ކަމަށެވެ. އަދި ގަވާއިދު އުވާލާ އާ ގަވާއިދެއް ހެދީ އެހެން ވެގެން ކަމަށެވެ.

"މި ގަވާއިދު މިހާރު ރިވިއު ކުރެވި އަދި ފުރިހަމަ ކުރެވި މިހާރު އަލުން ގެޒެޓަށް ފޮނުވާފައި ވާނީ،"

ޝިޕިން އެޖެންޓުން އެކި ނަންނަމުގައި ފީތައް ނަގަން ފަށާފައި ވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު މާލޭ ވިޔަފާރި ބަނދަރުގެ ގިނަ ވެހިކަލްތައް ހަލާކުވެ، ބަނދަރު ބޮއްސުންލި އެވެ. ހިދުމަތް ހުއްޓި ރާއްޖެއަށް މުދާ ހިފައިގެން އަންނަ ކޮންޓެއިނާ ބޯޓު ފަހަރުން މުދާ ނުބޭލި ކިޔޫ ދިގު ވެގެން ދިޔަ އެވެ. އެޖެންޓުން ތަފާތު އެކި ނަންމުގައި ފީތަކެއް ނެގެން ފެށީ އެހެންވެ އެވެ.

އޭގެ ހަ އެއްކަ މަސް ފަހުން މާލޭ ވިޔަފާރި ބަނދަރަށް ބޮޑު އިންވެސްޓްމަންޓެއްކޮށް އާ އުޅަނދުފަހަރާއި ސާމާނާއި އާލާތް ހޯދައި ހިންގުން ވެސް ރަނގަޅު ކުރި އެވެ. ނަމަވެސް މި ފީތަކަށް ނެގުން ހުއްޓާލާފައެއް ނުވެއެވެ. ކުރިއެކޭވެސް އެއް ގޮތަށް ރާއްޖޭގެ ލޮޖިސްޓިކްސްގައި އުޅޭ އެޖެންޓުން ދިޔައީ ފީތައް ނަގަމުންނެވެ. މި ފީތައް ނަގަނީ ޝިޕިން އެޖެންޓުން ޑެލިވަރީ އޯޑާ (ޑީއޯ) ދޫކުރުމުގެ ނަމުގަ އެވެ. ފުރަތަމަ 50 ޑޮލަރު ޑީއޯއަކަށް ނެގި ނަމަވެސް ފަހުން އިތުރު ފީތަކާއެކު އަގުތައް ވަނީ ބޮޑުތަނުން މަތިކޮށްފަ އެވެ. ލަފާކުރެވޭ ގޮތުގައި ކޮންމެ އަހަރަކު މިގޮތަަށް އެތަށް މިލިއަން ޑޮލަރެއް ދަނީ ރާއްޖޭން ބޭރުވެގެން ދެ އެވެ.