ބޮލީވުޑް

ޒީ-ޓީވީގެ މިއުޒިކް ލީގުގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މަޝްހޫރު ތަރިންތަކަކާއި އެމީހުންގެ އާއިލާގެ މެމްބަރުން ބައިވެރިވާ އިންޑިއަން ޕްރޯ މިއުޒިކް ލީގެއް ދައްކަން ފަށަން ޒީ-ޓީވީން ތައްޔާރުވާން ފަށައިފި އެވެ.

މި ޝޯގައި ހަ ޓީމު ހިމެނޭއިރު ފުރަތަމަ ޓީމުގައި ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ ބައިވެރިވާނެ އެވެ. ޝްރައްދާ ކަޕޫރާއި އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު އަދި ބޭބެ ސިދާންތު ކަޕޫރު ވެސް ޓީމެއް ހިމެނެ އެވެ. އަދި ރިތޭޝް ދޭޝްމުކް އާއި އަންހެނުން ޖެނީލިއާ ވެސް ޓީމެއްގައި ބައިވެރިވެ އެވެ. ރާޖްކުމާރު ރާއޯ ބައިވެރިވާ ޓީމެއް ވެސް އޮވެ އެވެ. މި ހުރިހާ ތަރިން ލަވަކިޔުމުގެ ރޮނގުން އެއްބަޔަކު އަނެއްބަޔަކާ ވާދަ ކުރާތަން މި ޝޯގައި ފެންނާނެ އެވެ.

ހަ ޓީމުން ކުރެ ކޮންމެ ޓީމެއްގައި ކެޕްޓަންކަން ކުރާނީ މަޝްހޫރު އަންހެން އަދި ފިރިހެން ލަވަކިޔުންތެރިއެކެވެ. ދެން ކޮންމެ ޓީމެއްގައި ވެސް އިތުރަށް ހިމެނޭނީ އޮޑިޝަން ބާއްވައިގެން ހޮވޭ ލަވަކިޔުންތެރިން ތަކެކެވެ.

އަންނަ އަހަރު ކުރީކޮޅު ދައްކަން ފަށަން ހަމަޖެހިފައިވާ މި ޝޯގައި ހަ ޓީމު ތަމްސީލު ކުރާނީ އިންޑިޔާގެ ހަ ރީޖަން އެކެވެ.
ވަރަށް ނަން މަޝްހޫރު ދެ ހޯސްޓަކު ހުށަހަޅައިދޭ މި މިއުޒިކަލް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ އިންޑިއަން ކްރިކެޓް ލީގުގެ ފޯމެޓަށެވެ. ޝޯގައި ފަސް އިނިންގްސް އޮންނާނެ އެވެ. އޭގެ ތެރޭގައި ލީގު މެޗުތަކާއި ސުޕަ މެޗު ވެސް ހިމެނޭނެ އެވެ.

އޯޑިއަންސް ވޯޓާއި އަމަޕަޔަރުންގެ ޕޮއިންޓުން މޮޅުވާ ޓީމުތައް ކަނޑައަޅާ ގޮތަށް ޝޯގެ ފޯމެޓްގައި ވެއެވެ. ހުރިހާ މެޗުތަކެއް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ބަޔަކީ ލީގު ޗެމްޕިއަނުންގެ ގޮތުގައި ކަނޑައެޅޭނެ އެވެ.