ޝާހްރުކް ހާން

ޝާހްރުކްގެ ފިލްމެއްގައި މަސައްކަތް ކުރެވޭތީ އުފާވޭ: ސާންޔާ

ސާންޔާ މަލްހޯތުރާގެ އެންމެ ފަހުން ރިލީޒްވި "ލޫޑޯ" ގައި އޭނާ ކުޅުނު ރޯލަށް ބެލުންތެރިންގެ ތަރުހީބު މިހާރު ދަނީ ވަރަށް ބޮޑަށް ލިބެމުންނެވެ. އަނުރާގު ބާސޫ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ސާންޔާ ކުޅެފައި ވަނީ މުއްސަނދި މަހުޖަނަކާއެކު ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ދިރިއުޅުން އެފުށް މިފުށަށް ޖެހޭ އަންހެންކުއްޖެއްގެ ރޯލެވެ.

މި އަންހެންކުއްޖާއަށް މާޒީގައި ކުރެވިފައިވާ ގޯސްކަންތައް ތަކެއް އޭނާގެ ހަޔާތަށް ބަނަކަމާއި ނާމާންކަން ގެނެ އެވެ. އަދި ހީވެސް ނުކުރާ ކަހަލަ މީހަކާ ގުޅެން މަޖްބޫރު ވެއެވެ.

"ލޫޑޯ"ގައި ސާންޔާ އާއެކު ކާސްޓް ކޮށްފައި ވަނީ އަދިތުޔާ ރޯއި ކަޕޫރެވެ. މި ފިލްމުގެ ޝޫޓިންގެ ދުވަސްވަރު އަދިތުޔާ އާއި އޭނާގެ ގުޅުން ވަރަށް ރަނގަޅުވެފައިވާ ކަމަށް ސާންޔާ ބުންޏެވެ.

"އަހަރެމެންނަކަށް އެ ފިލްމުގެ ސްކްރިޕްޓެއް ނުލިބޭ. އެހެންވެ އަނެއް ދުވަހުގެ ޝޫޓިންގްގައި އެކްޓް ކުރަން ޖެހޭނެ އެއްވެސް ގޮތެއް އަހަރެމެންނަކަށް ދުރާލާ ނޭނގޭ. އެހެންވެ އާދީ ކަހަލަ ކުޅަދާނަ އެކްޓަރަކާއެކު މަސައްކަތްކުރަން ޖެހުނީމަ ވަރަށް ފަސޭހަވި. އަހަރެމެން އެކަކު އަނެކަކުގެ އެނާޖީން ހިތްވަރު ހޯދައިގެން ޝޫޓިން ފުރިހަމަކުރީ،" ސާންޔާ ބުންޏެވެ.

ޑައިރެކްޓަރު އަނުރާގު މަސައްކަތް ކުރަނީ އެހެން ޑައިރެކްޓަރުންނާ ވަރަށް ތަފާތު ގޮތަކަށް ކަމަށް އޭނާއާއެކު މަސައްކަތްކުރި ހުރިހާ އެކްޓަރުން ވެސް ބުނެ އެވެ. ރަންބީރު ކަޕޫރު، ޕްރިޔަންކާ ޗޯޕްޅާ، ކެޓުރީނާ ކައިފް ފަދަ ތަރިން މި ވާހަކަ މާ ކުރިން ވެސް ދައްކަމުން ދިޔަ އެވެ.

އަނުރާގު އާއެކު މަސައްކަތްކުރުމަށް ފަހު ސާންޔާ ވެސް ބުނީ ހަމަ އެހެންނެވެ. ވަރަށް ކުޅަދާނަ އަދި ވަގުތުން އެ ބުނާ ގޮތަކަށް އެކްޓްކުރަން ނޭނގޭ މީހަކަށް އަނުރާގު އާއެކު މަސައްކަތްކުރަން އުނދަގޫވާނެ ކަމަށް ސާންޔާ ބުންޏެވެ.

"އަހަރެން އެ ފިލްމުގައި މަސައްކަތްކުރީ ޑާޑާ (އަނުރާގު) ބޭނުންވީ ގޮތަށް އޭނާ އެ ފިލްމު އުފައްދަން ބޭނުންވާ ގޮތަށް. އަހަރެން އެންމެ ކުރިން ސްކްރިޕްޓް ކޮބައިތޯ އެހުމުން އެކަމާ ނުވިސްނާށޭ ޑާޑާ ބުނި. އެހެން ބުނީމަ އަހަންނަށް ފުރަތަމަ ލިބުނީ ޝޮކެއް. އަހަރެން ހިތަށް އެރި ސްކްރިޕްޓް ނެތިއްޔާ ވަރަށް އުނދަގޫވާނޭ. ސަބަބަކީ އަހަންނަކީ ގެއިން ހޯމްވޯކް ހަދައިގެން ޝޫޓިންގަށް ދާ މީހަކަށް ވާތީ. ނަމަވެސް ސްކްރިޕްޓެއް ނެތި އެ ދުވަހެއްގެ ޝޫޓިންގަށް ގޮސްފައި ޑައިރެކްޓަރު އެ ބުނަ ގޮތަކަށް ކަންތައް ކުރަމުން ގެންދިޔުމަކީ ވެސް ވަރަށް ތަފާތު އަދި ހިތްހަމަޖެހޭ ތަޖުރިބާއަކަށްވީ،" ސާންޔާ ބުންޏެވެ.
ސާންޔާ ސޮއިކޮށްފައި މި ވަގުތު ދެ ފިލްމެއް އެބައޮތެވެ. "ޕަގަލައިޓު" ކިޔާ ފިލްމަކާއި "ލަވް ހޮސްޓެލް" ކިޔާ ތުރިލާ އެކެވެ.
ސާންޔާ ބޮލީވުޑަށް ތައާރަފްވީ އާމިރު ޚާންގެ "ދަންގަލް" އިން ބަބީތާ ކުމާރީގެ ރޯލުންނެވެ. އޭގެ ފަހުން "ބަދާއީ ހޯ" އާއި "ޕަޓާކާ" އަދި "ފޮޓޮގްރާފް"ގައި އޭނާ ލީޑް ރޯލު ކުޅުނެވެ. އަދި ދާދިފަހުން ވަނީ އޭނާގެ "ޝަކުންތަލާ ދޭވީ"ވެސް ރިލީޒްކޮށްފަ އެވެ.

ސާންޔާ ބުނީ "ޕަގްލައިޓު" ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި "ލަވް ހޮސްޓެލް"ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށަން ހަމަޖެހިފައިވާ ކަމަށެވެ. "ލަވް ހޮސްޓެލް"ގައި ބައިވެރިވާ އެކްޓަރުންނަކީ ބޮބީ ޑެއޯލް އާއި ވިކްރާންތު މެސީ އެވެ. މިއީ ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ސާންޔާ ބުނީ ޝާހްރުކް ޕްރޮޑިއުސްކުރާ ފިލްމެއްގައި މަސައްކަތްކުރުމުގެ ހުވަފެން އޭނާ އަބަދުވެސް ދެކޭ ކަމަށެވެ. މި ހުވަފެން ހަގީގަތަކަށް ވީމަ ވަރަށް އުފާ ކުރާ ކަމަށާއި އަދި ފިލްމުގެ މަސައްކަތް ފެށުމުގެ ޝާހްރުކް އާ ބައްދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.