ކުޅިވަރު

ފްރާންސުން ޕޯޗްގަލް ބަލިކޮށްފި، ސްޕެއިން އެއްވަރު

ޔޫއެފާ ނޭޝަން ލީގްގައި، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލްގެ މައްޗަށް ފްރާންސުން 1-0 ން މެޗު ކާމިޔާބު ކޮށްފި އެވެ.

ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގެ ބެންފީކާގެ ދަނޑުގައި ކުޅުނު މެޗުގައި ފްރާންސްގެ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ އެންގޯލޯ ކަންޓޭ އެވެ. ފުރަތަމަ ހާފުގައި އެންތޮނީ މާޝިއަލްއަށް ވަނީ ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބިފަ އެވެ.

ގައުމީ ޓީމަށް ކަންޓޭ ޖަހައި ދިނީ އޭނާގެ ދެ ވަނަ ލަނޑެވެ. އަދި އެ ލަނޑަކީ 2016 ގެ ފަހު ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. އެ ލަނޑާއެކު ، ޕޯޗްގަލްއިން ދެމެހެއްޓި ލަނޑެއް ނުވަނުމުގެ ރެކޯޑް ޖެހިޖެހިގެން ފަސް މެޗަށް ފަހު ވަނީ ނިމިފަ އެވެ.

ލީގް އޭ ގެ ގުރޫޕް ހަތަރެއްގައި، ސްވިޒަލޭންޑާ ދެކޮޅަށް ކުޅެ ސްޕެއިން ބަލި ނުވެ ސަލާމަތް ވީ ކިރިޔާ އެވެ. ފުރަތަމަ ހާފުގައި ސްވިޒަލޭންޑްގެ ރެމޯ ފުރެއުލާ އެ ޓީމަށް ލީޑް ނަގައިދީފައި ވަނިކޮށް ސްޕެއިން އަށް މެޗުގެ އެންމެ ފަހު ވަގުތުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ.

މެޗުގައި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ދެ ޕެނަލްޓީ ނާކާމިޔާބު ކޮށްލާފަ އެވެ. މެޗަށް ފަހު ރާމޯސްގެ ދިފާއުގައި ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ބުނީ، އިތުރަށް ޕެނަލްޓީ ލިބުނު ނަމަވެސް ޕެނަލްޓީ ޖަހަން އޭނާ އިހްތިޔާރު ކުރާނީ ރާމޯސް ކަމަށެވެ.

ލީގް އޭ ގެ ގުރޫޕް ހަތަރެއްގައި، ޖަރުމަނާއި ޔޫކްރޭން ކުޅުނު މެޗު ޖަރުމަން ކާމިޔާބު ކުރީ 3-1 ންނެވެ. ޖަރުމަންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިިޔާބު ކުރީ ޓީމޯ ވާނާ އެވެ. ޔޫކްރޭންގެ ރޯމަން ޔަރެމުޗްކް އެ ޓީމަށް ލީޑް ނަގައިދިން ފަހުން، ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިރޮއީ ސަނޭ އެވެ.