ދުނިޔެ

ތެހެރާނުގައި އަލްގައިދާގެ ލީޑަރަކު މަރައެއް ނުލާ: އީރާން

Nov 15, 2020

އަލްގައިދާ ޖަމާއަތުގެ އިސް ލީޑަރަކު، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އީރާނުގެ ވެރިރަށް ތެހެރާނުގައި މަރާލާފައިވާ ކަމަށް ބުނާ ރިޕޯޓްތައް އީރާނު ސަރުކާރުން ދޮގު ކޮށްފި އެވެ.

މަރާލާފައިވާ ކަމަށް ބުނާ މީހާއަކީ އަލްގައިދާގައި މިހާރު ދެ ވަނައަށް އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުﷲ އަހުމަދު އަބްދުﷲ އެވެ. އޭނާ މަރާލާފައި ވަނީ އީރާނުގެ މަގެއްގެ މަތީގައި ކަމަށް ރިޕޯޓްތަކުގައި ބުނެ އެވެ.

ނަމަވެސް އީރާނުން ބުނަނީ އަލްގައިދާގެ އެއްވެސް މީހަކު އެ ގައުމުގެ ފަސްގަނޑުގައި ދިރި ނޫޅޭ ކަމަށެވެ. އީރާނުން ބުނީ އަލްގައިދާ ފަދަ ޖަމާއަތްތަކާއި އިރާނާއި ގުޅުވުމަށް އެމެރިކާއި އިޒްރޭލުން މަސައްކަތް ކުރާ ކަމަށާއި އެކަން ކުރަނީ މެދުއިރުމަތީގައި ޖަރީމާތަކާއި ޓެރަރިސްޓް ހަރަކާތްތަކުން ބަރީއަވާން ވެގެން ކަމަށެވެ.

ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި އަބްދުﷲ މަރާލާފައި ވަނީ އޭނާގެ އަންހެން ދަރިފުޅާ ވެސް އެކު އެވެ. ބަޑިޖަހާ އެ ދެބަފައިން މަރާލީ، މީހުން މަރަން ތަމްރީނުވެފައިވާ ދެ މީހަކު، ސައިކަލުގައި ގޮސް އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އެވެ. އެ ރިޕޯޓް ބުނާ ގޮތުން 2003 ވަނަ އަހަރުން ފެށިގެން، އަބްދުﷲ ދިރިއުޅެމުން ގޮސްފައި ވަނީ އީރާނުގަ އެވެ. އޭނާއަކީ އެފްރިކާގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް އަމާޒުކޮށް 1998 ވަނަ އަހަރު ހަމަލާ ދޭން ރޭވި ކަމުގެ ތުހުމަތު އަމާޒުވާ މިހެކެވެ.