ބޮލީވުޑް

ފަރްހާން އަޚްތަރާއި ޝިބާނީ ވެސް ރާއްޖޭގެ ރީތިކަމަށް ގެއްލިފައި

ބޮލީވުޑް ތަރިންގެ ތެރެއިން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ތަރިންގެ ތެރޭގައި އެކްޓަރު-ޑައިރެކްޓަރު ފަރްހާން އަޚްތަރު އާއި އޭނާގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ ޝިބާނީ ޑަންޑޭކަރް ހިމެނެ އެވެ. އެމީހުން ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ހޭދަކުރާތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ ކަން ފަރްހާން އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ޔަގީން ކުރެވެ އެވެ.

މީގެން އެއް ވީޑިއޯގައި ފަރްހާން ސްކޫބާ ޑައިވިން ދަސްކުރަން ކަނޑު އަޑީގައި އުޅޭ މަންޒަރު ފެނެ އެވެ. އަނެއް ވީޑިއޯގައި ފަރްހާންގެ ދެ ދަރިން ކުރެ އެއް ދަރިފުޅު އަކީރާ ޑައިވްކޮށް ނިދާފައި އޮތް ވެލައަކަށް ބަލާ މަންޒަރު ފެނެ އެވެ.

ފަރްހާން އާއި ޝިބާނީގެ މި ދަތުރުގައި އެމީހުންނާއެކު ބައިވެރިވަނީ އަކީރާ އެކަންޏެވެ. ފަރްހާންގެ އަނެއް ދަރިފުޅު މި ދަތުރުގައި ބައިވެރިނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އާދިއްތަ ދުވަހު ޝިބާނީ ވަނީ އޭނާ އާއި ފަރްހާން އިންފިނިޓީ ޕޫލެއްގައި އިރު އޮއްސޭ މަންޒަރު ބަލަން ތިއްބާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ.

މި ވީޑިއޯތަކާއި ފޮޓޯތަކަށް ބޮލީވުޑްގައި މަސައްކަތްކުރާ އެމީހުންގެ އެކުވެރި ފަންނާނުން ތަފާތު ކޮމެންޓުތަކާއި އީމޯޖީތައް ޕޯސްޓުކޮށްފައި ވެއެވެ.

މި ދުވަސްވަރަކީ ބޮލީވުޑް ވަރަށް ގިނަ ތަރިންތަކެއް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ކާޖަލް އަގަރްވާލް އާއި ފިރިމީހާ ގޯތަމް އެމީހުންގެ ހަނީމޫން ރާއްޖޭގައި ދަނީ ހޭދަކުރަމުންނެވެ.
ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓްނީ ވެސް ޗުއްޓީ ހޭދަކުރަން މިހާރު ރާއްޖެ އައިސް އެބައުޅެ އެވެ. އަދި ކެޓުރީނާ ކައިފް ވެސް ދާދިފަހުން ރާއްޖޭގައި ދެ ދުވަސް ހޭދަކުރުމަށްފަހު މިހާރު ވަނީ ފުރާފަ އެވެ. ކެޓުރީނާ ރާއްޖެ އައީ ފޮޓޯ ޝޫޓަކަށެވެ.