ހަބަރު

ބަޖެޓު ބޮޑުވުންވެސް ޗައިނާ ދަރަންޏާ ގުޅުވައިފި

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބޮޑުވެފައިވަނީ، ކުރީގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހޭ ބައި ހިމަނަންޖެހިފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ޖެޓުގެ ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވަނީ ތަކުރާރުކޮށް ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުން ކުރަންޖެހޭ ހޭދައިގެ ވާހަކަ މެންބަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.

މިގޮތުން، ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑުބައެއް އަނބުރާ ދައްކަންޖެހިފައިވަނީ މިއަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

ލޯނުތައް ނަގާފައިވަނީ ޗައިނާގެ ވިޔަފާރިތަކުގެ ބޭންކުތަކުގެ އިތުރުން ޗައިނާ ސަރުކާރު ހިއްސާވާ ބޭންކުތަކުން ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.

"މި ބަޖެޓުގައި އަޅުގަނޑަށް ފެނުނު ތަނުގައި ބުރަވެފައި އޮތީ ޗައިނާ އިން ނަގާފައިވާ ލޯނު އަނބުރާ ދައްކަންޖެހޭ އަދަދު އިތުރުވެގެން،" ދަރަންޏާ ގުޅިގެން ޗައިނާއަށް އަބަދުވެސް އަމާޒުކުރައްވާ ފާޑުކިއުންތައް ތަކުރާރު ކުރައްވަމުން ނަޝީދު މިއަދުވެސް ވިދާޅުވި އެވެ.

ޑެފިސިޓް ބޮޑުނަމަވެސް، އެއީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ކަމާއި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަޝްރޫއުތައް ހިންގަންޖެހޭކަން، މިހާތަނަށް ބަހުސްގައި ވާހަކަ ދެއްކެވި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެ، ބަޖެޓަށް މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ތާއީދުއޮތް ކަން ހާމަކުރައްވައިފަ އެވެ.