ޕީއެސްޖީ

ޕީއެސްޖީން ރާމޯސްއަށް ބިޑް ކުރަން ތައްޔާރު

ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދޭން ޕީއެސްޖީން ތައްޔާރު ވެއްޖެ އެވެ.

ރާމޯސް އާއެކު ރެއާލް މެޑްރިޑުން ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ޖޫން 30 ގަ އެވެ. ޖަނަވަރީ އެކެއްގެ ފަހުން ރާމޯސް ބޭނުން ކުލަބަކާ ވާހަކަ ދެއްކުމުގެ ހުއްދަ އޭނާއަށް ލިބޭނެ އެވެ. ސްޕެއިންގެ ޑިފެންޑަރާއެކު ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް އެ ކުލަބުން ކުރިއަށް ގެންދިޔަ ނަމަވެސް މިހާތަނަށް ވަކި ގޮތަކަށް އެއްބަސްވެވިފައެއް ނުވެ އެވެ.

ސްޕެއިންގެ އޭއެސް އިން ބުނީ، ކޮންޓްރެކްޓް އާ ކުރުމާމެދު އެއްބަސް ވެވިފައި ނުވަނީ އުމުރުން 34 އަހަރުގެ ޑިފެންޑަރަށް އިތުރު އެއް އަހަރު ދިނުމަށް ރެއާލްއިން ހުށަހަޅާތީ ރާމޯސްއަށް އެކަމަށް އެއްބަސް ނުވެވުމުން ކަމަށެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާ ބައްދަލު ނުކުރި ނަމަވެސް، ރާމޯސް ވަނީ ރެއާލްގައި އިތުރަށް މަޑުކުރަން ބޭނުންވާކަން ހާމަ ކޮށްފަ އެވެ. ރެއާލްގައި 16 އަހަރު ހޭދަ ކުރި ޑިފެންޑަރުގެ އުންމީދަކީ މަދުވެގެން އިތުރު ދެ އަހަރު އޭނާއަށް ލިބުމެވެ. އޭރުން އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2023 ގަ އެވެ. އެ އަހަރަކީ އެ ކުލަބުގެ އާ ސްޓޭޑިއަމް ހުޅުވަން ނިންމާފައިވާ އަހަރެވެ. މެޑްރިޑްގެ އާ ސްޓޭޑިއަމްގައި ކުޅުމަކީ އެ ކުލަބުގެ ލެޖެންޑްގެ އުންމީދެކެވެ.

އޭއެސް އިން ބުނެފައި ވަނީ، ރާމޯސް އާއި ރެއާލް އާ ދެމެދު ވަކި ގޮތަކަށް އެއްބަސް ވެވިފައި ނުވުމުން، ޕީއެސްޖީން އޭނާ ގެންދަން ތައްޔާރަށް އޮތް ކަމަށް އެ ކުލަބުން އިޝާރާތް ކޮށްފައިވާ ކަމަށެވެ.

ޕީއެސްޖީން ހުށަހަޅާފައި ވަނީ، ތިން އަހަރުގެ ކޮންޓްރެކްޓާއެކު އަހަރަކު 20 މިލިއަން ޔޫރޯ ދިނުމަށެވެ. ރެއާލް މެޑްރިޑުން މިހާރު އޭނާ އަށް ދެނީ 12 މިލިއަން ޔޫރޯ އެވެ.