ރާއްޖޭގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާންގެ ބެޑްމިންޓަން އެކެޑެމީ ލޯންޗު ކޮށްފި އެވެ.
"އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ" ނަމުގައި ލޯންޗް ކުރި އެކެޑެމީއާ އާ ބެހޭގޮތުން މިއަދު އަވަސް އާ ވާހަކަ ދައްކަމުން ގައުމީ ޗެމްޕިއަން އަޖުފާން ބުނީ، އޭނާގެ އެންމެ ބޮޑު ފޯކަސް އަކީ އުމުރުން ހަގު ކުޅުންތެރިންނަށް އަމާޒުކޮށްގެން އެކެޑެމީ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ.
"އުމުރުން 15 އަހަރުގައި އަޅުގަނޑުމެން އުންމީދު ކުރީ ގައުމީ ޗެމްޕިއަންކަން ހޯދަން،" ގައުމީ މުބާރާތް ރެކޯޑް އަދަދަށް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ ބުންޏެވެ. "އެކެޑެމީ އުފައްދައިގެން އަޅުގަނޑުމެން މަސައްކަތް މި ފެށީ މުޅިން ތަފާތު އުންމީދަކާ އެކު. އަޅުގަނޑު ބޭނުވޭ އަރަމުން އަންނަ ކުޅުންތެރިންގެ މައިންޑް ސެޓް ބަދަލުވާން. އަޅުގަނޑުގެ އުންމީދަކީ އުމުރުން 15 އަހަރުގެ ކުޅުންތެރިޔާ އިންޓަނޭޝަނަލް މުބާރާތްތަކުގައި މެޑަލްއެއް ހޯދުމުގެ ވިސްނުން ގެނެސްދީ އެހިސާބަށް ކުޅުންތެރިން ގެނެސްދިނުން."
އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަ ކުރުމަށް އެކެޑެމީގެ ދަށުން ކުލަބެއް އުފައްދާނެ ކަމަށް އަޖުފާން ބުންޏެވެ. އޭނާ ބުނީ އެ ކުލަބު އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަ ކުރާނެ ކަމަށާއި ޒުވާން ކުޅުންތެރިންނަށް އެ ފުރުސަތު ކުލަބު މެދުވެރިކޮށް ފަހި ކޮށްދޭނެ ކަމަށެވެ.
ބޮޑެތި މީހުންގެ ކެޓަގަރީން އޭނާ ހަނދާނެއް ނުނެތެވެ. އެކެޑެމީން ތަމްރީން ހަދާ ބޮޑެތި މީހުންނަށް އިންޓަނޭޝަނަލް ވެޓަރަންސް މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށެވެ.
"އިންޓަނޭޝަނަލް އެކެޑެމީ ކިޔަން އަޅުގަނޑުމެން ނިންމީވެސް އިންޓަނޭޝަނަލް ލެވަލް އާ ހަމައަށް މި އެކެޑެމީ ގެންދިއުމަށް،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތިން އެޑިޝަންގައި ރާއްޖެއަށް މެޑަލް ހޯދައިދިން އަޖުފާން ކިޔައި ދިނެވެ. "އަޅުގަނޑަކީ ގިނަ ގައުމުތަކެއްގައި ބޭއްވި މުބާރާތްތަކުގައި ވާދަ ކުރި މީހެއް އިންޓަނޭޝަނަލް ފުރުސަތު ފަހި ކުރުމަކީ އަޅުގަނޑަށް އުނދަގޫ ކަމަކަށް ނުވާނެ. ބޭރު އެކެޑެމީތަކާ ގުޅިގެން އެކްސްޗޭޖު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ވިސްނުންތަކެއް އެބަހުރި."
އޭނާ ބުނީ ކޮވިޑްގެ ހަލަތު އާންމު މިންގަނޑަކަށް އައުމުން އަތޮޅު ތެރެއަށް ދަތުރު ކޮށް އެކެޑެމީގެ ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށެވެ.