ލައިފްސްޓައިލް

ވަގެއް ކަމަށް ހިތާ ބަޑި ޖެހުނީ މާބަނޑު އަނބިމީހާގެ ގަޔަށް

އެމެރިކާގެ ފްލޮރިޑާގެ ގެޔަކަށް ދަންވަރު ގަޑީގައި ވަގަކު ވަދެގެން އުޅެނީ ކަމަށް ހިތާ އެގޭގެ ވެރިމީހާ ބަޑި ޖެހުމުގެ ސަބަބުން އޭނާގެ މާބަނޑު އަނބިމީހާ މަރުވެއްޖެ އެވެ.

އެ ފިރިހެންމީހާއަށް ދަންވަރު ގަޑީގައި ހޭލެވުނީ ގޭތެރޭގައި މީހަކު އުޅޭ އަޑަށެވެ. އޭނާ ވަގުތުން ބަޑި ހިފައިގެން ނުކުމެ ގޭތެރޭގައި ހަރަކާތްތެރިވަމުންދިޔަ މީހާގެ ގަޔަށް ބަޑި ޖެހީ އެވެ. ރަނގަޅަށް ބޮކިތައް ދިއްލާފައި ބެލިއިރު އޭނާއަށް ބަޑި ޖެހިފައިވަނީ އޭނާގެ އަންހެނުންގެ ގަޔަށެވެ.

ފްލޮރިޑާގެ ކަމާ ބެހޭ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަހައްދުގެ ގެއެއްގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ޚަބަރު ފުލުހުންނަށް ލިބުނީ ދަންވަރު 1.30 ގައި ކަމަށެވެ. ފުލުހުން ދިޔައިރު މީހަކު ގޭން ބޭރަށް ނުކުމެ ހުރެގެން އެހީތެރިކަމަށް އެދި ހަޅޭއް ލަވަނީ ކަމަށާއި ގޭތެރެއަށް ވަންއިރު އެމީހާގެ އަންހެނުން ގޭތެރެއަށް މަރުވެގެން ވެއްޓިފައި އޮތްތަން ފެނުނު ކަމަށެވެ. ފިރިހެންމީހާ ޖެހި ބަޑީގެ ވަޒަން އަރާފައި ހުރީ އަންހެންމީހާގެ ބޮލަށެވެ. ވަގުތުން އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ނަމަވެސް އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ކުރެވުނު ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މައްސަލަ އިތުރަށް ތަހުގީގުކޮށް ކަން ވީ ގޮތް ރަނގަޅަށް ބަލާނެ ކަމަށެވެ. އަދި އަންހެނުން ގަޔަށް ފިރިހެން މީހާ އަށް ބަޑި ޖެހުނީ އޮޅިގެންތޯ ނުވަތަ ނޫންތޯ ޔަގީން ކުރާނެ ކަމަށެވެ.

ބަޑި ބޭނުންކުރުމުގައި އެމެރިކާ މީހުން އިތުރަށް ސަމާލުވުމަށާއި ޚާއްސަކޮށް ގޭގައި އާއިލާގެ މެމްބަރުން އުޅޭނަމަ އެމީހުން ކޮބައިތޯ ބެލުމަށްފަހު ނޫނީ ބަޑި ނުޖެހުމަށް ފްލޮރިޑާ ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.