އަބްދުﷲ ޝާހިދު

އެފްރިކާ ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށްފި

އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިސްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އެފްރިކާގެ ގައުމުތަކާއި އޮންނަ ހާއްސަ ގުޅުމުގެ މައްޗަށްވެސް މިނިސްޓަރު ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އަދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ގޮތުން މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކާ ދިވެހިރާއްޖެ އަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ގަބޫލުކުރާ ގައުމުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކުވެރި ގައުމުތަކުން ކޮވިޑް-19ގެ ގާލަތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.