ފިނިޕޭޖް

"ދަ މާޝަން" ބިރުގަންނަވާލުމަށް ފަހު "ގޫސްބަމްޕްސް" އެއް ވަނަ އަށް

އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ އާރް އެލް ސްޓައިންގެ މަޝްހޫރު ކުޑަކުދިންގެ ވާހަކަ ސިލްސިލާ "ގޫސްބަމްޕްސް" ގެ އަސްލަށް އުފައްދާފައިވާ ތްރީޑީ ލައިވް އެކްޝަން ފިލްމު "ގޫސްބަމްޕްސް" މިދިޔަ ހަފުތާ ބަންދުގައި ސިނަމާތަކަށް ނެރުމާ އެކު އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ވާދަކުރަމުން ދިޔަ އެހެން ފިލްމުތަކުން "ހީބިހި ނަގައިގެން ގޮސް" ބޮކްސް އޮފީސް ޗާޓަށް ބަދަލު އަތުވެއްޖެ އެވެ.

"ގޫސްބަމްޕްސް" ޗާޓްގެ އެއް ވަނަ އަށް އަރާފައި ވަނީ ފާއިތުވި ތިން ހަފުތާގައި ވެސް ޗާޓުގެ އެއް ވަނަ މަގާމު ދެމެހެއްޓި މަޝްހޫރު ސައިންސް ފިކްޝަން ފިލްމު "ދަ މާޝަން" އެވެ. ޑައިރެކްޓަރު ރިޑްލީ ސްކޮޓްގެ މި ފިލްމު މިހާރު އޮތީ ދެ ވަނަ މަގާމުގަ އެވެ.

އަލަށް ނުކުތް ކުޑަކުދިންގެ ބިރުވެރި ފިލްމު "ގޫސްބަމްޕްސް" ގެ ޑައިރެކްޓަރަކީ މަޝްހޫރު އެނިމޭޓެޑް ފިލްމު "ޝާކް ޓޭލް" އާއި "މޯންސްޓާސް ވާސަސް އޭލިއަން" ގެނެސްދިން ޑައިރެކްޓަރު ރޮބް ލެޓަމަން އެވެ.

ފިލްމުގައި ލީޑް ރޯލުކުޅެފައި ވަނީ ކޮމެޑީ އެކްޓަރު ޖެކް ބްލެކް އެވެ. ފިލްމުގައި އޭނާ ކުޅެފައި ވަނީ ވާހަކަ ލިޔުންތެރިޔާ އާރް އެލް ސްޓައިންގެ ރޯލެވެ.

ހަފުތާ ބަންދުގައި ނެގި 23.5 މިލިއަން ޑޮލަރާ އެކު "ގޫސްބަމްޕްސް" ޗާޓްގެ އެއް ވަނާގައި އޮތްއިރު މިއީ 58 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އެހެންވީމަ ދެ ތިން ހަފުތާ ނުވަނީސް ފިލްމަށް އޭގެ ޚަރަދު ކަވަރުކުރެވޭނެ ކަމަށް ބެލެވެ އެވެ.

އަލަށް ނުކުތް އެހެން ފިލްމުތަކަށް ބަލާއިރު މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް އާއި އެކްޓަރު ޓޮމް ހޭންކްސްގެ ރީޔޫނިއަންއެއްގެ ގޮތުގައި މަޝްހޫރުވި "ބްރިޖު އޮފް ސްޕައިސް" އަށް ފުރަތަމަ ހަފުތާ ބަންދުގައި ފުއްދާލަން ޖެހުނީ ޗާޓުގެ ތިން ވަނަ މަގާމުންނެވެ. ފިލްމަށް ލިބިފައި ވަނީ 15.4 މިލިއަން ޑޮލަރެވެ.

މަޝްހޫރު ޑައިރެކްޓަރު ގުޖެރިމޯ ޑެލް ޓޯރޯގެ އާ ފިލްމު "ކްރިމްސަން ޕީކް" އަކީ ވެސް ނިމިދިޔަ ހަފުތާ ބަންދުގައި ޕްރިމިއާކުރި ފިލްމެކެވެ. ޗާޓުގެ ހަތަރު ވަނާގައި އޮތް މި ފިލްމަށް ހަފުތާ ބަންދުގައި ލިބިފައި ވަނީ 12.8 މިލިއަން ޑޮލަރެވެ.

ފަހުން ނުކުތް ފިލްމުތަކަށް ބަލާއިރު އެންމެ ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދާފައި ވަނީ މެޓް ޑޭމަން ލީޑް ރޯލު ކުޅެފައިވާ "ދަ މާޝަން" އެވެ. މި ފިލްމުގެ ޖުމްލަ މިހާރު ވަނީ 319 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ 108 މިލިއަން ޑޮލަރުގެ ފިލްމެކެވެ.