އިމްތިޔާޒު ފަހުމީ

އިންތި މަލީހަށް: ޓްރައިބިއުނަލްއަށް ދިއުން ކިހިނެތް؟

ގާނޫނު އަސާސީން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބުދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވުމުން އެ 55ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގުރޫޕުން ވަނީ ފަށާފައެވެ. މަލީހު މަގާމުން ވަކިކުރުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ފެށީ މިދިޔަ ހުކުރު ދުވަހު ޓީވީ ޝޯ އެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ މެންބަރުންނަށް މަލީހު ފާޑުވިދާޅުވުމުންނެވެ. އެ ވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ މެންބަރުން ވަނީ ޓްވީޓްތަކެއްވެސް ކުރައްވާފައެވެ. މެންބަރު އިމްތިޔާޒްވެސް އެ މޭރުމުން ޓްވީޓް ކުރެއްވިއެވެ.

މަލީހު ވަކިކުރުމުގެ މަސައްކަތް ފެށުމުން އޭނާ ވަނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބުދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށާ އެއީ ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުން ކަމަށެވެ. މިއީ ނުރައްކާތެރި ރަނގަބީލެއް ކަމަށް ވިދާޅުވެ މެންބަރު މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މެންބަރު އިމްތިޔާޒް ވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުމުން ވަޑައިގަންނަވަނީ ސްޕްރީމް ކޯޓަށްތޯ ސުވާލު ކުރައްވާފައެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް ވަޑައިގަތުން ކިހިނެތްވާނެ ތޯ އިމްތިޔާޒް ސުވާލު ކުރެއްވިއެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވާ އެއް ބޭފުޅަކީ މިނިސްޓަރު މަލީހެވެ. މަލީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް ސޯލިހަށްވެސް އެ މެންބަރުން ގޮވާލާފައިވެއެވެ.