މުހައްމަދު މަލީހު ޖަމާލް

މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފި

ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގުރޫޕުން ފަށައިިފި އެވެ. މަލީހަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅެކެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވާ އެއް ބޭފުޅަކީ މިނިސްޓަރު މަލީހެވެ. މަލީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް ސޯލިހަށްވެސް އެ މެންބަރުން ގޮވާލާފައިވެއެވެ.

މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ފެށީ މިދިޔަ ހުކުރު ދުވަހު ޓީވީ ޝޯ އެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ މެންބަރުންނަށް މަލީހު ފާޑުވިދާޅުވުމުންނެވެ. އެ ވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ މެންބަރުން ވަނީ ޓްވީޓްތަކެއްވެސް ކުރައްވާފައެވެ. އަދި މަލީހަށް އެެއްވެސް އިތުބާރެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޒާތީވެ ބައެއް މެންބަރުން ޓްވީޓްވެސް ކުރެއްވިއެވެ. އެ ހުރިހާ ޓްވީޓްތައް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓްވެސް ކުރެއްވިއެވެ.

މަލީހު މަގާމުން ވަކިކުރުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފި ކަމަށެވެ.

އޭނާ ވަނީ އެކަމަށް އެދި ހުށައެޅި ގަރާރުވެސް ޓްވީޓް ކުރައްވާފައެވެ. އެ ގަރާރުގައި މަލީހު މަގާމުން ދުރުކޮށް ދިނުމަށް އެދި އެމްޑީޕީ ޕީޖީގެ 10 މެންބަރަކު ސޮއިކޮށްފައިވެއެވެ. އެއީ މި މަސައްކަތުގައި އިސްކޮށް ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ) އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގޭ) އެވެ.

މީގެ ދެ އަހަރު ކުރިން އުފެދުނު ރައީސް ސޯލިހުގެ ސަރުކާރުގެ ހަތަރު މިނިސްޓަރަކު ވަނީ ބަދަލުވެފައެވެ. އެއީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ތިން މިނިސްޓަރަކާއި މަގާމުން ވަކި ކުރެއްވި މިނިސްޓަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ މިނިސްޓަރުންނާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ މިނިސްޓަރަކާއި މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ނިސްބަތްވާ މިނިސްޓަރެކެވެ.

އަދާލަތުގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުން އިސްތިއުފާ ދެެއްވީ އެމްޑީޕީގެ ޕީޖީން އިސްތިއުފާ ނުދީނަމަ މަޖިލިސް މެދުވެރިކޮށް ވަކި ކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ. ފަހުން އެ ސްލޮޓް އަދާލަތަށް ނުދިނެވެ. އަދި އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން ނަމަވެސް އެމްޑީޕީގެ ފިއްތުންތައް ވަރަށް ބޮޑަށް ކުރިމަތި ވެގެންނެވެ. އަލުން އެމްއާރްއެމް އިން ފޮނުވާ ނަމަކަށް އެ މަގާމުން ދެއްވަން ނިންމެވުމަށްފަހު ރައީސް މައުމޫން ބޭފުޅެއްގެ ނަން ފޮނުވަން ތައްޔާރުވެވަޑައިގެންފައިވަނިކޮށް ރައީސް ސޯލިހް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވާފައެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށައެޅުއްވުމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތުމުންނެވެ. ފަހުން އެ މަގާމު ޖޭޕީއަށް ނުދީ އެ މަގާމަށް އައްޔަން ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ އަހުމަދު ނަސީމެވެ. މަގާމުން ވަކި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭނާގެ ބަދަލުގައި މިހާރު އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ޑރ. އަބްދުﷲ މައުސޫމެވެ.