އަބްދުﷲ ނާޒިމް އިބްރާހިމް

ދަރުމަވަންތަ ރަހުނުކުރުން ހުއްޓާލާ: ނާޒިމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން ނިންމި ނިންމުމާމެދު ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ ގުޅިގެން ކަމަށާއި، މި ކަމުގެ އެގްރީމަންޓެއް މިހާރު ވެސް އެފަރާތާއެކު ހެދިފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް މިދިއަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުޅޭ ސިޓީއެއް އާންމުވެފައިވާއިރު ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައި ވަނީ އައިސީޑީ މެދުވެރިކޮށް ވިއްކަން ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވާ ކަމަށެވެ.

މިގޮތުން، އެ އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭކަމަށް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނީ، އެކަން ކުރުމަށްޓަކައި ސަރުކާރުގެ ހަރު މުދަލަށް ބަލާއިރު، އެކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށާއި، ނަމަވެސް، އެ ތަން މިވަގުތު ހުރީ ހެލްތު މިނިސްޓްރީގެ ނަން މަތީގައި ކަމަށެވެ.

ނަމަވެސް، އެ އެސެޓު އޮންނަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށުގައި ކަމަށްވާއިރު، އެކަން ކޮށް ދިނުމަށް ސިޓީ ކައުންސިލު މެދުވެރިކޮށްދެއްވުމަށް އަމީރު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައި އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ދުވަސްވަރު ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭތީ ނުހަނު ހިތާމަ ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ސުކޫކު ވިއްކަން ރަހުނު ކުރަން ނިންމާފައިވާ ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން ވެރިކަމަށް އައުމުގެ ކުރިންވެސް މި ސަރުކާރުގެ އިސް ބޭފުޅުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އެތަނަކީ އިސްރާފެއްގެ ގޮތުގައި ސިފަކޮށްފައި އެވެ.