ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓަށް 19 މުވައްޒަފަކު ހޯދަނީ

މާދަމާ ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ހއ. ހޯރަފުށީ އެއާޕޯޓްގެ ވަޒީފާތަކަށް ދާއިމީ މުވައްޒިފުން ހޯދުމަށް އިއުލާނު ކޮށްފި އެވެ. ޖުމްލަ 19 މުވައްޒިފަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

ރީޖަނަލް އެއާޕޯޓްސްއިން ވަނީ އެ މަގާމުތަކަށް ދާއިމީ މުވައްޒިފުން ހޯދުމަށް އިއުލާނުތަކެއް ކޮށްފައެވެ. އެއާޕޯޓަށް ހޯދަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި އެކައުންޓްސް އޮފިސަރަކާއި އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރަކާއި އެސިސްޓެންޓް ސޭފްޓީ އޮފިސަރަކާއި އެސިސްޓެންޓް އެއާފީލްޑް ޓެކްނީޝަނަކާއި ޑިރެކްޓަރަކާއި ޑްރަައިވަރަކާއި ސަބް އޮފިސަރަކާއި ލީޑިންގް ފަޔާމަނަކާއި ފަޔާ ފައިޓަރަކާއި ސެކިއުރިޓީ އޮފިސަރުގެ މަގާމަށް ދެ މީހަކާއި މަސައްކަތު މީހެއްގެ މަގާމަށް ހަތް މީހެކެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީ ކޮށްގެން ހެދި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިއަދު ހެނދުނު އެވެ. އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ބޭއްވި ރަސްމިއްޔާތަށް، ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާޒިމް އަދި އެމްޓީސީސީގެ އިސްފަރާތްތަކާއި ހޯރަފުށީގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވާނީ މާދަމާ އޮންނަ ހާއްސަ ހަފްލާއެއްގަ އެވެ. އެއާޕޯޓު ހުޅުއްވައިދެއްވާނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތަށް 198 މިލިއަން ހަރަދު ކޮށްފައިވާއިރު އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ހޯރަފުށީ އެއާޕޯޓު ނިންމިއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް އޮންނާނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށް ވަނީ ނިންމާފަ އެވެ.