ކުޅިވަރު

އިޓަލީގެ އާ ސްޓައިލްގައި ބަލިނުވެ 21 މެޗު

އިޓަލީއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގައި ކެޕްޓަން ރޮބަޓް ލެވަންޑޮސްކީއަށް ފަސޭހައެއް ނުވި އެވެ. މިއަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރާނެ ކަމަށް ބެލެވޭ ލެވެންޑޮސްކީގެ ފައިގައި ބޯޅަ ޖެހުނީ ވަރަށް ވެސް މަދުންނެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ސްޓައިކަރަށް ޖެހުނީ އިޓަލީގެ ޓީމު ކުރިމަތީގައި އިސްޖަހާލައިގެން ހުންނާށެވެ.

ކުރިން އިޓަލީގެ ފުޓްބޯޅަ ބިނާވެފައި ވަނީ ޑިފެންސިވް ވިސްނުމެއްގައި ކުޅުވާ ސްޓައިލްއަކަށެވެ. އެ ސްޓައިލަށް ބައެއް މީހުން "ކެޓްނަޗޯ" ނަމުން ދީފައި ވެއެވެ. ލެވަންޑޮސްކީ ހުއްޓުވުމުގައި އިޓަލީން ވަރުގަދަ ޑިފެންސިވް ސްޓްރެޓެޖީއެއް ބޭނުން ކުރި ކަމަށް ކުރިން ބުނެވިދާނެ އެވެ. އެހެން ނަމަވެސް މިހާރު އިޓަލީގެ ސްޓައިލް ބަދަލު ވެއްޖެ އެވެ.

ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުން އިޓަލީގެ ފުޓްބޯޅައަށް ބަދަލު ގެނެ އެވެ. އޭރު ހުރި ކޯޗް ޖިއާން ވެންޓޫރާ ކޯޗް ކަމުން އަމިއްލައަށް އިސްތިއުފާ ދޭން މަޖުބޫރުވި އެވެ. އެހާ ހިސާބުން އެކަނި ނިމުނީކީ ނޫނެވެ. ވަރުގަދަ ނުފޫޒާއެކު ހުރި އިޓަލީިގެ އެފްއޭގެ އޭރުގެ ރައީސް ކާލޯ ޓަވޭކިއޯވެސް މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވި އެވެ. ފަސްދޮޅަށް އަހަރު ފަހުން އިޓަލީއަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުމަކީ ކުޑަ ކަމެއް ނޫނެވެ.

އާ ބަދަލު ތަކާއެކު އިޓަލީގެ ކޯޗް ކަމާ ހަވާލުވީ ރޮބާޓޯ މަންޗިނީ އެވެ. މަންޗިނީ ހިފީ އޭރު އިޓަލީގެ ގައުމީ ޓީމަށް އޭގެ ކުރިން އައިސްފައި ނުވާ ބަދަލެއް ގެނައުމަށެވެ. މަންޗިނީ ޓީމު ބިނާ ކުރީ ޕޮޒެޝަން ފުޓްބޯޅަ އާއި ޕްރެސިން ގޭމްގެ މައްޗަށެވެ. މަންޗިނީ ބަދަލު ކުރީ 4-3-3 ފޯމޭޝަނަށެވެ. އެ ސީސްޓަމްގައި އޭނާ ގޭމް ބިނާކުރީ ޕޮޒެޝަން، ޕްރެސިން އަދި ސްޕީޑްގެ މައްޗަށެވެ. ބަދަލު ފެނުނެވެ. ޔޫރަޕްގައި ޕޮޒެޝަން ފުޓްބޯޅައަށް މަޝްހޫރު ހޮލެންޑާ ދެކޮޅަށް ޔޫއެފާ ނޭޝަން ލީގްގައި ކުޅުނު މެޗުގައި ޕޮޒެޝަން ޑޮމިނޭޓް ކުރީ އިޓަލީގެ ޓީމެވެ. ހޮލެންޑްގައި ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރި އެވެ.

އަޒޫރީގެ ނަމުން މަޝްހޫރު ވެފައިވާ އިޓަލީގެ ޓީމާ ހަވާލުވެ، ޕޮޒެޝަން ގޭމަކީ އިޓަލީިގެ ރަސްމީ އައިޑެންޓިޓީ ކަމުގައި މަންޗިނީ ހެދި އެވެ. އިޓަލީގެ ކޯޗް ކަމާ އޭނާ ހަވާލުވެ ބަލި ނުވެ 21 މެޗު ފުރިހަމަ ކުރި އެވެ. އަދި ނޮވެމްބަރު 21 2018 ގެ ފަހުން މަންޗިނީ ވަނީ ޖެހިޖެހިގެން 11 މެޗުން މޮޅުވެފަ އެވެ. އެއީ އިޓަަލީއަށް ދެ ވޯލްޑް ކަޕް ހޯދައިދިން ކޯޗް ވިޓޯރިއާ ޕޮޒޯ ހެދި ރެކޯޑް މުގުރާލުމެވެ.

މަންޗިނީގެ ޓީމުގައި، ބެލެންޑޯ އެވޯޑަށް ޝޯޓް ލިސްޓް ކުރި އެއްވެސް ކުޅުންތެރިޔެއް ނެތެވެ. ރޮބާޓޯ ބާޖިއޯ، ފްރެންޗެސްކޯ ޓޯޓީ، އެންޑްރެއާ ޕިރްލޯ ފަދަ ތަރިންނެއް މިއަދު އިޓަލީ ޓީމުގައި ނެތެވެ. އެހެންނަމަވެސް އެ ޓީމުން ކޮލިޓީ ގެއްލިގެން ނުދެ އެވެ. ޕޮލެންޑް ކޮޅަށް މެޗުގެ 83 ވަނަ މިނެޓްގައި އިޓަލީގެ ދެ ވަަ ލަނޑު ޑޮމިނިކޯ ބެރާޑީ ކާމިޔާބު ކުރީ، އިޓަލީގެ ކުޅުންތެރިން ޕާސިން ގޭމްގެ ކޮމްބިނޭޝަނެްގަ އެވެ. އެލްސެންޑްރޯ ފްލޮރެންޒީ ފެށި ޕާސް ގެއްލުވާ ނުލައި އިޓަލީގެ ކުޅުންތެރިން ވަނީ 30 ޕާސް ފުރިހަމަ ކޮށްފަ އެވެ. އެއީ ނޭޝަން ލީގް މެޗެއްގައި ލަނޑެއް ޖެހުމުގެ ކުރިން އެންމެ ގިނަ ޕާސް އުފެއްދި މަސައްކަތެވެ. އިޓަލީން މިހާރު ބިނާ ކޮށްފައިވާ ސްޓައިލަށް ބައެއް މިޑިއާތަކުން ނަން ދީފައި ވަނީ "ޓިކް އިޓާލިއާ" ގެ ނަމުންނެވެ.