ބޮލީވުޑް

"ޖުގް ޖުގް ޖިޔޯ"ގެ ޝޫޓިންގައިވެސް ނީތޫގެ ހަނދާންތައް ރިޝީއާއެކު

ރިޝީ ކަޕޫރާ ކައިވެނި ކުރުމަށްފަހު ނީތޫގެ ހުރިހާ ސަމާލުކަމެއް އާއިލާ ބިނާ ކުރުމަށް ހުސްކޮށްލި އެވެ. ރިޝީ އާ ނީތޫ ކައިވެނި ކުރީ ނީތޫގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގަ އެވެ. ނަމަވެސް ފިލްމީ ދުނިޔެއާ ދުރަށް ދާން ނީތޫ އެއްވެސް ޖެހިލުމެއް ނުވި އެވެ. ލޯބިވެރިޔާ ފިރިޔަކާއި ދެ ދަރިންގެ ޒިންމާ ކޮނޑުއަޅައިގެން ގެވެހި އަންބެއްގެ ގޮތުގައި އޭނާ ދިރިއުޅުނީ އުފަލުންނެވެ. ނަމަވެސް ރިޝީ ދާދިފަހުން މި ދުނިޔެ ދޫކޮށް އޭނާ މުޅިން އެކަނިވެރިވުމުން ނީތޫ އަނެއްކާވެސް ވަނީ ފިލްމީ މަސައްކަތް ފަށާފަ އެވެ.

އޭނާ ލައްވާ އަލުން ފިލްމު ކުޅުވުވަން އެއްބަސް ކުރުވީ ވެސް ވަރަށް ގިނަ ބައެއްގެ ހިތްވަރާއި މަސައްކަތުންނެވެ. ނޫންނަމަ ނީތޫ އަދިވެސް ފިލްމީ މަސައްކަތެއް ނުފެށީހެވެ.

ނީތޫ ދާދިފަހުން ވަނީ ދިގު މުއްދަތަކަށްފަހު އޭނާ ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށާފަ އެވެ. ވަރުން ދަވަން އާއި ކިއާރާ އަދުވާނީ އަދި އަނިލް ކަޕޫރު ބައިވެރިވާ "ޖުގް ޖުގް ޖިޔޯ" އެވެ.

ހޯމަ ދުވަހު ފިލްމުގެ ޝޫޓިންގަށް ވެނިޓީ ވޭންގައި އިނދެ ނީތޫ އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި ރިޝީ ނެތުމުން އޭނާއަށް ކުރެވޭ ހިތްދަތި އިހްސާސްތައް ބަޔާންކޮށްދީފައި ވެއެވެ. އަދި އެހާ ގިނަ ދުވަސްކޮށްފައި ފިލްމު ސެޓަކަށް އައިސް އެކަނިމާއެކަނި އިންނަން ޖެހުމުން ބިރުގަންނަ ކަމަށް ބުނެފައި ވެއެވެ.

"އެތައް އަހަރަކަށް ފަހު އަނބުރާ ފިލްމު ސެޓަކަށް. މުޅިން އާ ފެށުމަކާއި ފިލްމުތަކުގެ ޖާދޫ. އަބަދުވެސް ކަލާ އާއި ކަލާގެ ލޯބި އަހަންނާއެކު ވާކަމުގެ އިހްސާސް ކުރެވޭ. ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި އަހަންނާއެކު ވީމު. ނަމަވެސް މިއަދު އަހަރެން މިވަންނަނީ ހަމައެކަނި އަމިއްލަ ނަފްސާއެކު ދިރިއުޅުންޖެހިފައި. ކުޑަކޮށް ބިރު ގަނޭ. ނަމަވެސް ކަލާ އަހަންނާއެކު އަބަދުވެސް ވާކަމުގެ އިހްސާސް ކުރެވޭ،" ރިޝީ އަށް ނިސްބަތްކޮށް ނީތޫ ޝެއާކޮށްފައިވާ ޕޯސްޓުގައި ވެއެވެ.
ރިޝީ އާއި ނީތޫ ކައިވެނި ކުރުމަށްފަހު ދަރިން ބޮޑުވަންދެން ފިލްމީ މަސައްކަތް ނީތޫ އެއްވެސް ވަރަކަށް ނުކުރެ އެވެ. ދަރިން ބޮޑެތި ވުމަށްފަހު މަދުމަދުން ފިލްމުތަކުގައި ކުދި ކުދި ރޯލުތައް ކުޅެފައި ވެއެވެ.
ނީތޫ ބަތަލާއެއްގެ ގޮތުގައި އެންމެ ފަހުން ފެނިފައިވަނީ 1983 ގައި ޝަތުރޫގަން ސިންހާ އާއެކު ކުޅުނު "ގަންގާ މޭރީ މާ" އިންނެވެ.

ނީތޫ މިފަހަރު ކުޅޭ "ޖުގް ޖުގް ޖިޔޯ" އަކީ ރޮމެންޓިކް ކޮމެޑީ އެކެވެ. ނީތޫ އާއި އަނިލް މި ފިލްމުގައި ކުޅެނީ ވަރުންގެ މައިންބަފައިންގެ ރޯލެވެ. މިއީ ވަރަށް ހެއްވާ މަޖާ ކަންތައްތަކެއް ފެންނާނެ ފިލްމެއް ކަމަށް އިންޑީޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ މި ފިލްމުގެ ފުރަތަމަ ފިލްމު ފެށީކަން އިއުލާންކުރުމުގެ ގޮތުން ފިލްމުގެ ކްލެޕާބޯޑުގެ ފޮޓޮއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.