ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯގެ ރެކޯޑާ މެދު ނުވިސްނަން: ސަންޓޯސް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ރެކޯޑާ މެދު ނުވިސްނާ ކަމަށް ޕޯޗްގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ނޭޝަން ލީގްގައި މިރޭ ޕޯޗްގަލް ނުކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަނަށް ތަށި ދިފާއު ކުރުމުގައި މިފަހަރު އުނދަގޫތަކެއް އެބަހުއްޓެވެ. ފްރާންސާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗުން ޕޯޗްގަލް ބަލި ވީ އެވެ.

އިންޓަނޭޝަނަލް ލެވަލްގައި އެންމެ ގިނަ ލަނޑު ޖެހި އިރާނުގެ ލެޖެންޑް އަލީ ދާއީ އާ އެއްވަރު ކުރުމަށް ރޮނާލްޑޯއަށް ބޭނުންވެފައި އޮތީ ހަތް ލަނޑެވެ. އޭނާގެ ޓީމު މެޗަށް ނުކުންނަނީ އެ ރެކޯޑަށް ވާސިލު ވުމުގައި ރޮނާލްޑޯއަށް އެހީވާންތޯ ސުވާލު ކުރުމުން ސަންޓޯސް ބުނީ އެއްވެސް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔާގެ ފަރުދީ ރެކޯޑަކާ މެދު ނުވިސްނާނެ ކަމަށެވެ.

"ލަނޑު ޖެހުމުގެ އޯޑަރުގައި ވަކި ކުޅުންތެރިޔެއް އުޅޭތީ އެ ކުޅުންތެރިޔާއަށް ފުރުސަތު ދޭކަށް އެއްވެސް ކުޅުންތެރިޔަކު މަސައްކަތެއް ނުކުރާނެ،" ސަންޓޯސް ބުންޏެވެ. "ކްރިސްޓިއާނޯ [ރޮނާލްޑޯ] ވެސް އެގޮތެއް ބޭނުމެއް ނުވާނެ. ކްރިސްޓިއާނޯ ވެސް ލަނޑު ޖަހާނީ އޭނާ އަށް ލިބޭ ފުރުސަތުގައި. އެހެން ކުޅުންތެރިން އެކަމާމެދު ނުވިސްނާނެ."

މިދިޔަ މަހު ކޮވިޑް ޖެހިގެން ރޮނާލްޑޯއަށް ސްވިޑެން އާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގައި ނުކުޅެވުނެވެ. އެނބުރި ގައުމީ ޓީމަށް އޭނާ އައީ މިދިޔަ ހަފުތާގައި އެންޑޯރާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެއީ ގައުމީ ޓީމުގައި އޭނާ ހޯދި 100 ވަނަ މޮޅެވެ.